ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ އީ ޕެޓިޝަނެއްގައި 855 ސޮއި ހަމަކޮށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ އައްޑޫ މީދޫ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރުއެވެ. މި އިސްލާހުގެ މައިގަނޑު ގާނޫނީ ރޫހަކީ އަދި މަގްސަދަކީވެސް އެއްވެސް ހުރަހެއްނެތި ލަސްވުމެއްނެތި ރައްޔިތުންނަށް ހައްގުވާ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަށަވަރުކުރުން ކަމަށް ޕެޓިޝަންގައިވެއެވެ. އެހެންކަމުން ސިއްހީ ހިދުމަތްތަކާއި ޕޮލިސް ޕޯސްޓް ފަދަ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބިން ދޫކުރުމަކީ މައި ސަރުކާރާ، ކައުންސިލްތައް ގުޅިގެން ގައުމީ މަސްލަހަތުގައި ކުރަންޖެހޭ ކަމެއް ކަމަށް ޕެޓިޝަންގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ހިންގޭ މަޝްރޫއުތަކަށް ހުރަސްއެޅުމަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނީ މަގްސަދެއް ނޫންކަން ވަނީ ފާހަގަކޮށްފައެވެ. ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވިޔަނުދީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަކީ ގާނޫނީ އަދި އަހްލާގީ ވާޖިބެއްކަން ވަނީ ބަޔާންކޮށްފައެވެ. މި އިސްލާހު ފާސްވި ނަމަވެސް، ގާނޫނާ އެއްގޮތަށް ފާސްކޮށްފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ބިން ބޭނުންކުރުމުގެ ފުރިހަމަ ގާނޫނީ ބާރު ކައުންސިލްތަކަށް އޮންނާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ އީ ޕެޓިޝަން ގަވާއިދު ބުނާގޮތުން 2,100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން އެ ޕެޓިޝަނެއް މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވަންޖެހޭއިރު ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގައި، ކައުންސިލުތަކުގެ ދަށުން އެ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވައިލައި މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

މި ޕެޓިޝަނުގައި ހަފުތާއެއް ތެރޭ 2،100 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު ޕެޓިޝަނާ މެދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބަހެއް ހޯދުމަށާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެ ޕެޓިޝަން އެޖެންޑާކުރަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ ނިންމާފައެވެ.