ނިއުޒީލަންޑްގެ ކްރިސްޓްޗާޗުގެ ދެ މިސްކިތަކަށް އަމާޒުކޮށް މިދިޔަ ހުކުރު ދުވަހު ދިން ބަޑީގެ ހަމަލާތަކުގައި މަރުވި 50 މީހުންގެ ތެރެއިން ބައެއް މީހުންގެ ޖަނާޒާ ބުދަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ބްރެންޓޮން ޓެރަންޓް، ސެމީ އޮޓަމެޓިކް ބަޑިއެއް ހިފައިގެން ކްރިސްޓްޗާޗުގެ ދެ މިސްކިތަކަށް ވަދެ ހިންގި ޓެރަރިޒަމްގެ އަމަލުގެ ޝިކާރައަކަށްވީ މީހުންގެ ތެރެއިން 2 މީހެއްގެ ޖަނާޒާ، ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިވަގުތާއި ހަމައަށް ކުރިއަށް ގެންގޮސްފައިވަނީ ސޫރިޔާގެ ރެފިއުޖީންގެ ގޮތުގައި މީގެ 6 މަސް ދުވަސްކުރިން ނިއުޒީލަންޑަށް ހިޖުރަކުރި، އުމުރުން 15 އަހަރުގެ ހަމްޒާ މުސްތޮފާއާއި އޭނާގެ 44 އަހަރުގެ ބައްޕަ ޚާލިދުގެ ޖަނާޒާއެވެ. ހުކުރު ދުވަހުގެ ހަމަލާތަކުގައި ހަމްޒާގެ 13 އަހަރުގެ ކޮއްކޮ ޒައިދުގެ ފަޔަށްވެސް ވަޒަން އަރާފައި ވާއިރު، ޖަނާޒާގެ ތެރެއިން އޭނާ ފެނިފައިވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިންދައެވެ.

ސޫރިޔާގެ ހަނގުރާމައިން ސަލާމަތްވުމަށް ދުނިޔޭގެ އެންމެ ސުލްހަވެރި އެއް ގައުމަށް ހިޖުރަކުރި އެ އާއިލާއަށް ކުރިމަތިވި ހިތާމައާއި ގުޅިގެން، ޖަނާޒާގައި ބައިވެރިވި ގިނަ މީހުންގެ ލޯތަކުންވެސް ވަނީ ކަރުނަ ފޫއްދާލާފައެވެ.

ކްރިސްޓްޗާޗުގެ މަސްޖިދުއްނޫރާއި ލިންވުޑް އެވެނިއު މިސްކިތަށް އަމާޒުކޮށް، ދުރާލާ ރާވައިގެން ހުކުރު ދުވަހުގެ ހުކުރު ގަޑީގައި ހަމަލާ ދިންތާ 5 ދުވަސް ފާއިތުވީ އިރުވެސް މަރުވި މީހުން ކަށަވަރުކޮށް، އާއިލާތަކާއި ހަވާލުކުރުން ލަސްވަމުންދާތީ ގިނަ ބަޔަކު ދަނީ ކަމާ ބެހޭ ފަރާތްތަކަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.