ދިވެހި ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ކާމިޔާބުކަމާއެކު ފުރިހަމަކޮށް 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ އަދި ވަތަނީ ހިދުމަތާއި ބެހޭ ވަޒީރު ހަސަން ރަޝީދުއެވެ.
މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވިއެވެ. އޭގެ ތެރެއިން ތަމްރީނުތައް ފުރިހަމަކުރީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.
މި ތަމްރީނުތަކުގައި ދިވެހި ގައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާ، ދީނީ ތައުލީމާ، ލީޑާޝިޕް، އަދި އަސްކަރީ އަދި ހަށިހެޔޮކަމުގެ ތަމްރީނުތައް ވަނީ ދީފައެވެ. ދަސްވެނިވި ދަރިވަރުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ފަންނީ ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ނޭޝަނަލް ސާވިސް އިނީޝަލް ޓްރެއިނިންގެ ދަށުން މިހާތަނަށް ވަނީ ޖުމްލަ 1،028 ޒުވާނަކު ތަމްރީނުކޮށްފައިވެއެވެ.
