ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިންޖިންނިއަރިން އެވޯޑެއް ދޭން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޖިންނިއަރިން އެވޯޑަކީ އުސޫލު ގެޒެޓުކޮށް، އެޕްލައިކުރުމަށް ހުޅުވާލުމަށްފަހު، ލިބޭ އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ބަލައި އިންޓަވިއުކޮށްގެން އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާ އެވޯޑެއް ކަމަށެވެ.
އަދި "އަދަދު" ނޫހުން އެއްވެސް ހަގީގަތެއް ނެތް މިއަދުގެ ހަބަރު ލިޔެފައިވަނީ، ރައީސް ޑރ. މުއިއްޒަކީ އިންޖިންނިއަރިން ދާއިރާއިން ގައުމަށް ނުހަނު އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އެ އެވޯޑް އެމަނިކުފާނަށް ލިބުން ހައްގުކަމަށް އެ ނޫހަށް ގަބޫލުކުރެވޭތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް 30، ވަނަ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ އިންޖިނިއަރުންގެ ދުވަސް ކަމަށްކަނޑައެޅުުއްވާ މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އިންޖިނިއަރުންގެ އެވޯޑު ބާއްވަން ރައީސްވަނީ ނިންމަވާފައެވެ. ހައުސިން މިނިސްޓްރީން ބާއްވާ އިންޖިނިއާސް އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ "ހޮނަރިން އެކްސެލެންސް، މޭކިން ހިސްޓްރީ" ތީމްގެ ދަށުންނެވެ. މި އެވޯޑް ހަފްލާގައި 10 ދާއިރާއަކުން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
