ހުޅުމާލެއިން ނުއަގުގައި ބިމެއް ވިއްކާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެއީ އިންސާފު ނުލިބި 23 އަހަރު ވޭތުކުރި ދުވަސްވީ މީހަކަށް ހައްގު ހޯދައިދިނުމުގެ މައްސަލައެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ހައުސިން މިނިސްޓްރީގެ އެތެރޭގެ ލިޔުމެއް އާންމުވުމާ ގުޅިގެންނެވެ. އެ ލިޔުމުގައިވާ ގޮތުން ހުޅުމާލެ ފޭސް ދޭކުން 1،250 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވަނީ އަކަފޫޓަކަށް 375 ރުފިޔާގެ މަގުން، ޖުމްލަ 468,750 ރުފިޔާއަށެވެ. އަދި ފުރަތަމަ 50،000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ ފަސް އަހަރުގެ ތެރޭގައި ހަލާސްކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. މި ލިޔުން ދައުރުވާން ފެށުމާއެކު، ބިން ލިބުނު ފަރާތަށާއި ސަރުކާރަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ދައުރުވަމުންދަނީ ހަމައެކަނި ފައިސާ ދެއްކުމަށް މަގުފަހިކުރުމުގެ ގޮތުން ފޮނުވި އޮފީސް މެމޯއެއް ކަމަށެވެ. ނަމަވެސް އެ ލިޔުމުގެ އަސްލު އޮޅުވާލައިގެން، ބޭއިންސާފާ ދެކޮޅަށް 23 އަހަރު ވަންދެން މަސައްކަތްކުރި ދުވަސްވީ މީހަކަށާއި، މިނިސްޓްރީގެ ސިވިލް މުވައްޒަފަކަށް ގެއްލުންވާ ގޮތަށް އެންމެ ހުތުރު ގޮތުގައި މައުލޫމާތު ފަތުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމުގެ ގޮތުން، ހައުސިން މިނިސްޓްރީން މިއަދު ރަސްމީކޮށް ބަޔާނެއް އާންމުކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
