ތިލަފުށީގައި ތަރައްގީކުރާ އާ ބައިނަލްއަގުވާމީ ޕޯޓުގެ މަސައްކަތް ބޭރުގެ ވަކި ގައުމަކަށް ނުވަތަ ފަރާތަކަށް އިސްކަންދީގެން ހަވާލުކޮށްފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.

އަދި އެ ނިންމުން ނިންމާފައިވަނީ ހަމައެކަނި ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްގީގެ އަމާޒުތަކަށް ބިނާކޮށް ކަމަށާ އެއީ ރާއްޖެއާ ގުޅުން އޮންނަ އެއްވެސް ފަރާތަކާމެދު އޮންނަ ގުޅުމަށް ބަދަލެއް އައިސްގެން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ޕޯޓު ތަރައްގީކުރުމާއި، ޕޯޓުގެ މިލްކުވެރިކަމުގެ އިތުރުން ޕޯޓު ހިންގުމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ އިސްތިގުލާލަކީ ދޫދެވޭނެ އެއްޗެއް ނޫން ކަމަށާއި، ގާނޫނާއި ގައުމީ މަސްލަހަތު ތަންދޭ މިންވަރު ފިޔަވައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ ނިންމުންތަކުގެ މައްޗަށް ބޭރުގެ އެއްވެސް ފަރާތަކަށް ބާރު ނުފޯރުވޭނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ތިލަފުށީ ޕޯޓަކީ ދިވެހި ރައްޔިތުންނާއި ގައުމުގެ ދިގު މުއްދަތުގެ ފާގަތިކަމަށް ހިދުމަތްކުރާނެ ތަނެއްކަމަށެވެ. އެގޮތުން އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސަރުކާރުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ރާއްޖޭގެ އިސްތިގުލާލާއި ގައުމީ މަސްލަހަތުގެ މައްޗަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ސިޔާސަތުގެ ދަށުން ބައިނަލްއަގުވާމީ ހުރިހާ ބައިވެރިންނާއެކު ވެސް ބިނާކުރަނިވި ގުޅުމެއް ބޭއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.