ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ "އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ ގައުމީ މަޝްރޫއު"ގެ އިތުރު ތަފްސީލުތައް ސަރުކާރުން ހާމަކުރައްވައިފިއެވެ.
މި މަޝްރޫއަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ.
މި މަޝްރޫޢުއުގެ މައިގަނޑު މަގްސަދަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަހްލާގާއި އިހުތިރާމް ކުރުމުގެ އާދަ މުޅި މުޖުތަމައުގައި އަލުން އިޔާދަކުރުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއު ވިލަރެސްކުރުމަށްޓަކައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީއެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮމިޓީގައި ހިމެނޭ އިދާރާތަކަކީ:
- މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް
- މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ
- ލޭބާ އެންޑް ޓެކްނޯލޮޖީ
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
- މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
- މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް ސްޕޯޓްސް އެންޑް ފިޓްނަސް
- ޕަބްލިކް ސަރވިސް މީޑިއާ
މީގެއިތުރުން، އަހަރަކު 1 ފަހަރު ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ފާހަގަކުރުމަށް ނިންމާފައިވާއިރު މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުން އޮންނާނީވެސް އެ ދުވަހު ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
