ކުޑަކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ ވީޑިއޯ އިތުރަށް ދައުރު ނުކުރުމަށާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި ޕޭޖުތަކުން ނެގުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މިފަދަ ވީޑިއޯތައް ފެތުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ވަލްނެރަބްލް އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި އަދި މި ހާދިސާ އާއި ގުޅޭގޮތުން ކޮމެންޓްކުރުމާއި ހަގީގަތާ ހުލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ފުލުހުން އެދިފައިވާއިރު އެ އިދާރާއން ބުނީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ.