ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށްޓަކައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައި ވަނީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިއީ ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ދައުލަތަށް ލިބެންޖެހޭ އާމްދަނީ ފުރިހަމައަށް ހޯދުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ރާއްޖޭގައި 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ތަންފީޒުކުރަން ފެށުމަށްޓަކައި، އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނެގުމުގެ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ.

ބިލު ތަސްދީގު ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި އިސްލާހުގައި ބުނެފައިވާ ގޮތުގައި، އެއްވެސް ފަރާތަކުން ރާއްޖޭގައި ހުރި އެ ފަރާތެއްގެ ވިޔަފާރި ހިންގާ ތަނަކުން ހިދުމަތް ފޯރުވައިދީފިނަމަ އެއީ ރާއްޖޭގައި ފޯރުވައިދޭ ހިދުމަތެއްގެ ގޮތުގައި ބެލޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ނުވިނަމަވެސް، ހިދުމަތް ފޯރުވައިދިން ވަގުތު ރާއްޖޭގައި ހުރި ފަރާތަކުން އެ ހިދުމަތުގެ އަމަލީ މަސައްކަތް ރާއްޖޭގައި ކޮށްފިނަމަ ނުވަތަ އެއީ ރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ހިދުމަތެއް ނަމަ، އެއީ ވެސް ރާއްޖޭގައި ފޯރުވައިދިން ހިދުމަތެއްގެ ގޮތުގައި ބެލުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން، ޓެކްސް ނެގޭ ހަރަކާތް ހިންގާ ވިޔަފާރީގެ ދާއިމީ ތަނެއް ރާއްޖޭގައި ނެތް ނަމަވެސް، ރާއްޖޭގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދޭނަމަ ޖީއެސްޓީ ނެގުން މި އިސްލާހުގެ ދަށުން ލާޒިމުވާނެއެވެ. މި ބިލުގައި އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުގެ ގޮތުގައި ބަލާފައިވަނީ ރާއްޖޭގައި ހިންގާ އެކޮމޮޑޭޝަނާއި، ކެއުމާއި، ދަތުރުފަތުރު ފަދަ ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ ހަރަކާތްތަކެވެ.

މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ނިޒާމު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައި، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ބިލުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި ހިދުމަތްދޭ ދާއިމީ ތަނެއް ނެތް އޮފް ޝޯ ބުކިންގ ޕްލެޓްފޯމުތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޓެކްސް ނަގަން ފެށުމުން، ދައުލަތުގެ އާމްދަނީއަށް އަހަރަކު ގާތްގަނޑަކަށް 1.6 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާކކޮށްފައި ވެއެވެ.