ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގެންފައިވަނީ އޮގަސްޓު 29 ވަނަ ދުވަހު ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން އަތުލައިގެންފައިވަނީ 2 ކިލޯގެ ކެނަބިސްކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި ވެއެވެ.
އެގޮތުން މި މަހުގެ 5 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ފަހަރުވެސް ފެނިފައި ވަނީ ބައި ކިލޯއެއްހާ ކެނަބިސް އެވެ.
މީގެއިތުރުން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުވެސް ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މި މަހުގެ 15 ވަނަ ދުވަހު ވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.2 ކިލޯގެ ކެނަބިސް އަތުލައިގެންފައެވެ.
