އައްޑޫ ސިޓީގެ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްގެ ދަށުން ތަރައްގީކުރުމަށްޓަކައި ސަރުކާރުން އުފެއްދި "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗީފް ކޮމާޝަލް އޮފިސަރު އާއިޝަތު ޒަމްރާ ޒާހިރު ހަމަޖައްސައި، އެ ކުންފުނީގެ ބޯޑު އެކުލަވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި މި ކޯޕަރޭޝަން އުފެއްދެވީ މިދިޔަ މަހުގައެވެ. މި ކުންފުނީގައި ބީއެމްއެލްގެ އެއްވެސް ހިއްސާއެއް ނެތް ނަމަވެސް، އެމްޑީގެ އިތުރުން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގެ އަޣުލަބިއްޔަތު ނުވަތަ ތިން ގޮނޑި ދީފައިވަނީ ބީއެމްއެލްގެ އިސް ވެރިންނަށެވެ. ބާކީ ތިއްބެވި ދެ މެންބަރުންނަކީ މިނިސްޓްރީ އޮފް ފައިނޭންސްގެ އިސް އޮފިޝަލުންނެވެ.
އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- އާއިޝަތު ޒަމްރާ ޒާހިރު – މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު (ޗީފް ކޮމާޝަލް އޮފިސަރ، ބީއެމްއެލް)
- އަބްދުﷲ އަތީގު މުހައްމަދު – ބޯޑު މެންބަރު (އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް، މިނިސްޓްރީ އޮފް ފައިނޭންސް)
- ސަހަރު ވަހީދު – ބޯޑު މެންބަރު (ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ، ބީއެމްއެލް)
- އަމާން އަލީ – ބޯޑު މެންބަރު (ޑިރެކްޓަރ އޮފް ކޯޕަރޭޓް ބޭންކިންގ އެންޑް ކޮމާޝަލް ޕާފޯމަންސް، ބީއެމްއެލް)
- ހަދީޖާ މިލްހާ – ބޯޑު މެންބަރު (ޑެޓް ފައިނޭންސިންގ ކޮންސަލްޓަންޓް، މިނިސްޓްރީ އޮފް ފައިނޭންސް)
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި މި ބޭފުޅުން މި މަގާމުތަކަށް އައްޔަންކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވހުއެވެ. ނަމަވެސް އަދި ޕީސީބީ އިން ވެސް އެކަން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.
ހަންކެޑެ ތަރައްގީކުރުމުގައި ބީއެމްއެލް ބައިވެރިކުރި ނަމަވެސް، މި ސަރުކާރު އައި ފަހުން ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކުރި ނަމަވެސް އެތަނުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ފެށިފައެއް ނުވެއެވެ. މިއީ އެ ރަށް ތަރައްގީކުރުމަށް މި ސަރުކާރުން ހުށަހެޅި ހަތަރުވަނަ ޕްލޭނެވެ.
އެންމެ ފުރަތަމަ މި ސަރުކާރުން ނިންމީ ކުރީގެ ސަރުކާރުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ޗައިނާގެ ސީއެންއީއީސީ ކުންފުންޏާ ހަވާލުކުރި މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެއީ ބޭންކް އޮފް ޗައިނާގެ 142.9 މިލިއަން ޑޮލަރުގެ ލޯނަކުން ހިންގަން ނިންމި މަޝްރޫއެކެވެ. އަދި ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ހަވާ އަރުވައި، ކުލަގަދަ ރަސްމިއްޔާތަކާ އެކު އަމަލީ މަސައްކަތް ފެށިކަން އިއުލާނުކުރި ނަމަވެސް، އަހަރެއް ވެގެން ދިޔައިރުވެސް އެއްވެސް މަސައްކަތެއް ހިނގާފައެއް ނުވެއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ޖޫން މަހު އެމްއެފްއެމްސީ އަތުން ހަންކެޑެ ވަކިކޮށް، އެއީ "ހަލާލް ޓޫރިޒަމް" ޒޯނެއްގެ ގޮތުގައި ކަނޑައެޅިއެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އެ ނިންމުން ބަދަލުކޮށް، ޓޫރިޒަމް ރިއަލް އެސްޓޭޓް މަޝްރޫއަކަށް ބަދަލުކުރިއެވެ. އެ ދުވަސްވަރު ރައީސް މުއިއްޒު އައްޑޫއަށް ވަޑައިގެން ތުރުކީ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ޑިވެލޮޕަރުން ހޯދަން އިއުލާނުކުރި ނަމަވެސް އަމިއްލަ އިންވެސްޓަރަކު ނުލިބުމުން، މިހާރު މިވަނީ ސަރުކާރުގެ ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރިއަށް ގެންދަން ނިންމާފައެވެ. މަޝްރޫއު ލަސްވަމުންދާތީ، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޖޫން މަހު ވިދާޅުވީ ވަރަށް އަވަހަށް ހަންކެޑެގެ ތަފްސީލީ ޕްލޭން އާންމުކުރައްވާނެ ކަމަށެވެ.
