ދިވެހިރާއްޖޭގައި އެންމެ ޒަމާނީ ފެންވަރުގެ އިންޖިނިއަރިން ލެބޯޓްރީއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީސް މެދުވެރިކޮށް ފޮނުއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖޭގައި ގާއިމުކުރުމަށް ތައްޔާރުވަމުންދާ ޒަމާނީ އިންޖިނިއަރިން ލެބޯޓަރީ އިމާރާތަކީ، އިންޖިނިއަރިންގެ ހުރިހާ ދާއިރާއެއްގެ ހިދުމަތް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބިގެންދާނެ ގޮތަށް ފަރުމާކުރެވޭނެ ތަނެއް ކަމަށެވެ. އެގޮތުން އެ ލެބޯޓަރީގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން، އިލެކްޓްރޯނިކް އިންޖިނިއަރިން، ސޮފްޓްވެއާ އިންޖިނިއަރިން، އެއާކްރާފްޓް އިންޖިނިއަރިން އަދި އެއިރޮނޮޓިކަލް އިންޖިނިއަރިންގެ ހިދުމަތްތައް ހިމެނޭނެއެވެ. މީގެ އިތުރުން ރޮބޮޓިކްސްއާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑިޖިޓަލް އިންޖިނިއަރިންގެ ހުރިހާ ދާއިރާތަކެއް މި ތަނުގައި ފުރިހަމަ ކުރެވިގެންދާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، އެ އިމާރާތް ބިނާކުރުމަށްޓަކައި ވާންޖެހޭ ފަންނީ އެންމެހައި މަސައްކަތްތަކާއި އެހެނިހެން އިންތިޒާމުތައް ސަރުކާރުން މިހާރު ހަމަޖައްސަމުން ގެންދާ ކަމަށެވެ. އަދި ހާއްސަ ގޮތެއްގައި މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނޭހެން، ބަޖެޓުން ބޭރުން ހުރިހާ އިންތިޒާމެއް ހަމަޖައްސައިގެން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލެބޯޓްރީ ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ، އިންޖިނިއަރިންގެ އެކި ދާއިރާތަކުން ފަންނީ ދިރާސާތަކާއި ތަހްލީލުތައް ކުރުމަށް ބޭނުންވާ ރާއްޖޭގެ ދަރިވަރުންނަށާއި، ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއިން ބޭރުންވެސް މިފަދަ ދިރާސާތައް ކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. ސަރުކާރުގެ އަމާޒަކީ މި ލެބޯޓްރީއަކީ ބައިނަލްއަގްވާމީ ފެންވަރުގައި އިތުބާރު ހިފޭ، ފުރިހަމަ ވަސީލަތްތަކުން މުއްސަނދިވެފައިވާ ތަނަކަށް ހެދެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.