ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތްތަކެއް ހޮނިހިރު ދުވަހު ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދެއްވި ގޮތުގައި، ސިޓީތައް ހިމެނޭހެން ރާއްޖޭގެ 164 ރަށެއްގައި މި ހަރަކާތްތައް ފަށާފައިވަނީ ސެޕްޓެމްބަރު 5 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ދަރިވަރުން އިންޖިނިއަރިން ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އަމަލީ ތަޖުރިބާއާއެކު ފޯރުކޮށްދިނުމެވެ.
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމްޑަބްލިއުއެސްސީގެ ފެސިލިޓީތަކުގެ އިތުރުން އެމްޓީސީސީން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެކި މަޝްރޫއުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިން މަސައްކަތްތައް ކުރިއަށްދާ ގޮތް ދަރިވަރުންނަށް އަމަލީ ގޮތުން ކިޔައިދީ، މަސައްކަތާ ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.
މީގެއިތުރުން، މި ހަރަކާތުގެ ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ތިލަމާލެ ބްރިޖް މަޝްރޫއުގެ ސައިޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ. ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ވިޒިޓުގައި ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަދި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ 45 ދަރިވަރުން ވަނީ ބައިވެރިވެ، ބްރިޖްގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައިލާފައެވެ.
