ސިނަމާލެ ބްރިޖް އަށް 8 އަހަރު ފުރުނު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 'ޗައިނާ މޯލްޑިވްސް އެވާލާސްޓިން ފްރެންޑްޝިޕް ޕާކް' އަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ބަދަހި އެކުވެރިކަން ރަމްޒުކޮށްދޭ ހާއްސަ ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ރައީސް ވަނީ ޕާކުގެ ސަރަހައްދު ބައްލަވާލައްވައި، ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ އެންމެ ބޮޑު އެއް ރަމްޒުކަން ފާހަގަކުރައްވާފައެވެ. އަދި މި ފާލަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އައިސްފައިވާ ބޮޑު ބަދަލާއި ލުއިފަސޭހަތަކަށް އަލިއަޅުވާލައްވާފައިވެއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓް 30 ގައި އިފްތިތާހު ކުރެވުނު ސިނަމާލެ ބްރިޖަކީ މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދިން ތާރީހީ މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްދިޔަ ދުވަސްވަރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އަމަލީގޮތުން އެންމެ އިސްކޮށް މަސައްކަތްޕުޅު ކުރެއްވި އެއް ބޭފުޅަކީ ރައީސް މުއިއްޒުކަމުގައިވާ އިރު މި ބްރިޖް ހުޅުވިތާއަށް 8 އަހަރު ފުރުމުގެ މުނާސަބަތުގައި، އެމަނިކުފާނުވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވީ މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ގުޅުވާލަދިން މި ފާލަމަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ ވަސީލަތެއް ނޫން ކަމަށެވެ. އެއީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެކުވެރިކަމާއި، އުއްމީދުތައް ރަމްޒުކޮށްދޭ ވަރުގަދަ ބިނާއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ހިކުމަތްތެރި ލީޑާޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން ދުވަހުން ދުވަހަށް ވަރުގަދަވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖެއިން އެކުވެރި ޗައިނާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާފައެވެ.