ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ޗާންދަނީމަގާއި މަޖީދީމަގު ކަންމަތީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި، އެ ސަރަހައްދުން ފިލަން މަސައްކަތްކުރި މައްސަލައަކާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އަހްމަދު ރަފީއު (23އ) ހަތި، ގދ.ފަރެސްމާތޮޑާއެވެ.

ފުލުހުންގެ ހިދުމަތުން ބުނީ މި ހާދިސާ ހިނގާފައިވަނީ އޮގަސްޓް 28، 2026 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 17:34 އެހާކަންހާއިރު ކަމަށެވެ. އިތުރަށް ފުލުހުން ބުނީ ޓްރެފިކް ބަލަހައްޓަން ހުރި ފުލުސް އޮފިސަރުގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލަން އުޅުނު ނަމަވެސް، އެ ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުންގެ އެހީތެރިކަމާއެކު ސައިކަލު ދުއްވަން ހުރި މީހާ ވަގުތުން ވަގުތަށް ހުއްޓުވައި ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ،

މި ހާދިސާގައި ފުލުސް އޮފިސަރަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.