ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ހިނގި ނުރައްކާތެރި ފްލޭޝް ފްލަޑް (ކުއްލި ފެންބޮޑުވުމުގެ) ކާރިސާގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކާރިސާއާ ގުޅިގެން ހާލަތު ވަރަށް ގާތުން މޮނިޓަރު ކުރަމުންދާ ކަމަށެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެއްސަކު ހުރި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގެ އަސަރުކޮށްފައި ނުވާކަން ކަށަވަރުކުރެވިފައިވާކަމަށެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ފަރާތަކުން އެހީތެރިކަމެއް ބޭނުންވާނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 9607983400+ ނުވަތަ ކޮންސިއުލާ އީމެއިލް [email protected] އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެންނެވެ. ރޮއިޓާސްއާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ހިނގި މި ކާރިސާގައި 150 އަށް ވުރެ ގިނަ މީހުން މަރުވެ، 800 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ.

މީގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ ފަތުރުވެރިން ވެސް ހިމެނެއެވެ. ސައިންސްވެރިންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، މި ފްލޭޝް ފްލަޑް އުފެދުނީ ފަރުބަދަމަތީގެ ގަނޑުފެންގަނޑެއް ކަނޑައިގެން ގޮސް، ކޯރުގެ ފެންގަނޑު ކުއްލިއަކަށް ބޮޑުވުމުގެ ސަބަބުންނެވެ.

މި ފެންބޮޑުވުމުގެ ސަބަބުން ނޭޕާލާއި ޗައިނާ ގުޅުވައިދޭ މުހިންމު ބްރިޖުތަކާއި މަގުތައް ހަލާކުވެ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ.