ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ) އިން "އެމްއާރުސީ ނޭޕާލް ސޮލިޑާރިޓީ ފަންޑު" ނަމުގައި ހާއްސަ ފަންޑެއް ހުޅުވާލައިފިއެވެ.

އެމްއާރުސީން މައުލޫމާތު ދޭ ގޮތުގައި، މި ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ކްރައުޑްފަންޑިން ޕްލެޓްފޯމެއް ކަމަށްވާ ގިވްއޭޝިއާ މެދުވެރިކޮށް ކާޑުން ފައިސާ ފޮނުވޭނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ޑޮލަރުން ބޭންކް ޓްރާންސްފާ މެދުވެރިކޮށްވެސް ފައިސާ ޖަމާކުރެވޭނެކަމަށް އެމްއާރްސީން ވަނީ ބުނެފައެވެ.

މި ފަންޑަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އަންނަ ސެޕްޓެމްބަރު 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު މި ފަންޑަށް ލިބޭ އެހީތައް ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ފޯރުކޮށްދޭނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ) މެދުވެރިކޮށެވެ. އެމްއާރުސީގެ އަމާޒަކީ މި ފަންޑުގެ ޒަރީއާއިން 10,000 ޑޮލަރު ހޯދުމެވެ.

މި ހާދިސާގައި އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި، ކިސަޑާއި ހިލަތައް ތިރީގައިވާ ވާދީތަކަށް ފައިބައިގެން ގޮސް، 300 އަށް ވުރެ ގިނަ މީހުން މަރުވެ، 1,300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ގިނަ އަދަދެއްގެ އިމާރާތްތަކާއި ވަސީލަތްތައް ވަނީ ކިސަޑުތަކުގެ ދަށުވެ ސުންނާފަތިވެފައެވެ.