ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެން ހިނގި ނުރައްކާތެރި ފްލޭޝް ފްލަޑް (ކުއްލި ފެންބޮޑުވުމުގެ) ކާރިސާގައި ގެއްލުނު މީހުންގެ އަދަދު 3000 އާ ގާތްކޮށްފައިވާކަމަށް ނޭޕާލްގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ހަތަރުވަނަ ދުވަހަށް ކުރިއަށްދާއިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 650 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ ތެރެއިން 7 މީހަކު މަރުވެފައިވަނީ ޓިބެޓުގެ ސަރަހައްދުންނެވެ.
ނޭޕާލްގެ ފޮރިން މިނިސްޓަރު ޝިސިރް ކަނަލް ވިދާޅުވިގޮތުގައި ސިލްސިލާކޮށް ލިބުނު ބޮޑެތި ގެއްލުންތަކުން އަލުން ގައުމު އާރާސްތުކުރުމަށް ބިލިއަން ޑޮލަރުގެ ހަރަދެއް ހިންގާނެ ކަމަށް ލަފާކުރެވޭކަމަށާއި، މަރުވެފައިވާ މީހުން ދެނެގަތުމަށާއި ހަށިގަނޑުތައް ރައްކާތެރިކަމާއެކު ބެހެއްޓުމަށް ބޭރުގެ އެހީތެރިކަމަށް އެދިފައިވާކަމަށެވެ.
ނޭޕާލްގެ ނުވާކޯޓް ޑިސްޓްރިކްޓްގައި ގާއިމުކޮށްފައިވާ ސިފައިންގެ ކޭމްޕް ބޭރުގައި، މި ހާދިސާގައި ގެއްލުނު މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މީހުން ދަނީ ފާރުގައި ހަރުކޮށްފައިވާ ގެއްލިފައިވާ މީހުންގެ ލިސްޓުތަކުން އެމީހުންގެ އާއިލާގެ ހަބަރެއް ލިބޭތޯ ބަލަމުންކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބޯޑަރު ސަރަހައްދުގައި އޮންނަ ކޯރަކަށް ގަނޑުފެނާއި ކިސަޑު ފައިބައިގެންނެވެ. މި ކާރިސާއާއި ގުޅިގެން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ ރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މި ހާދިސާގެ އަސަރުކޮށްފައި ނުވާކަން ކަށަވަރުކުރެވިފައިވާކަމަށެވެ.
