މާލޭގެ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި ތިއްބާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތް ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދުގެ ހެނދުނު 10:34 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި ހާލުދެރަވި ދެ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ވަނީ ނިޔާވެފައެވެ. ނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީޤު ނަމަކަށް ކިޔާ އަންހެނެކެވެ.

މީގެއިތުރުން، މި ހާދިސާގައި ހާލު ދެރަވި އުމުރުން 19 އަހަރުގެ އަންހެން ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ޔަގީންކޮށްދީފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.