އިންޑޮނީޝިއާގެ އުތުރު ސުމަޓްރާގައި އޮންނަ ސަބަންގް ބަނދަރު ތަރައްގީކުރުމަށް އިންޑިއާއާއި އިންޑޮނީޝިއާއިން ކުރިއަށްގެންދާ މަޝްރޫއަކީ އަސްކަރީ މަރުކަޒެއް ގާއިމުކުރުމުގެ ބަދަލުގައި، ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ހިންގާ މަޝްރޫއެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އޭޝިއާ ސޮސައިޓީ އޮސްޓްރޭލިއާގެ ދިރާސާވެރިންނާ ހަވާލާދީ 'ދަ ސްޓްރެޓީޖިސްޓް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖަކާޓާއަށް ކުރެއްވި ދަތުރުފުޅުގައި، ސަބަންގް ބަނދަރު ތަރައްގީކުރުމަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކުރުމުން އިންޑޮނީޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އާންމު ގުޅުންތައް ބަދަހިކުރާނެ ކަނޑުމަގުގެ ކޮރިޑޯއެއް ގާއިމުކުރުމެވެ.
ޖުލައި މަހު ދެ ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި، ކްރޫޒް އަދި މެރިން ޓޫރިޒަމް، ބޯޓުފަހަރު މަރާމާތުކުރުން، ބޯޓުފަހަރު ބަނުން، އަދި އޮފްޝޯ ހަކަތައިގެ މަސައްކަތްތަކަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރުން ހިމަނާފައިވެއެވެ. އަދި މި މަޝްރޫއުގެ ދާއިރާއާއި، ފައިސާ ހަމަޖައްސާނެ ގޮތްތަކާއި، ތަރައްގީކުރާނެ މަރުހަލާތައް ސާފުކުރުމަށް އޮފިޝަލުންނަށް ވަނީ އަންގާފައެވެ.
އިންޑިއާއަށް މި މަޝްރޫއަކީ އެ ގައުމުގެ އަންޑަމަން އަދި ނިކޯބާ ޖަޒީރާތަކުގެ އިގުތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ލިބޭ މަގެއް ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ. 'ގްރޭޓް ނިކޯބާ ޕްރޮޖެކްޓް' ގެ ދަށުން ތަރައްގީކުރާ މި ޖަޒީރާތަކަކީ ހަމައެކަނި ސަލާމަތީ ގޮތުން މުހިންމު ތަނެއްގެ ބަދަލުގައި، މުދާ ބަދަލުކުރުމާއި ފަތުރުވެރިކަމުގެ މަރުކަޒަކަށް ހެދުމަށް އިންޑިއާއިން އަމާޒުހިފާފައިވެއެވެ. ސަބަންގް ބަނދަރާއި ޕޯޓް ބްލެއާއާ ދެމެދު ގާއިމުކުރާ ކޮރިޑޯގެ ސަބަބުން ފަސިންޖަރުންނާއި މުދާ އުފުލުމުގެ ހިދުމަތްތައް ފުޅާވެގެންދާނެއެވެ.
އިންޑޮނީޝިއާއަށް ބަލާއިރު، މި މަޝްރޫއުގެ ސަބަބުން އާޗޭ ޕްރޮވިންސަށް އިންވެސްޓްމަންޓާއި ޓެކްނޮލޮޖީގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެއެވެ. ނަމަވެސް، މި މަޝްރޫއަކީ އިންޑޮނީޝިއާގެ ގާނޫނުތަކާ އެއްގޮތަށް، އެ ގައުމުގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެއްގެ ގޮތުގައި ފެންނަން އޮތުން މުހިންމު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ސަބަންގް ބަނދަރަކީ މަލަކާ ކަނޑުއޮޅިއާ ކައިރީގައި އޮންނަ ބަނދަރަކަށް ވުމުން، މިއީ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެކެވެ. ހާއްސަކޮށް އިންޑިއާ ކަނޑުގައި ޗައިނާގެ އަސްކަރީ ހަރަކާތްތަކާއި އިންވެސްޓްމަންޓްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި ސަރަހައްދުގެ ކަނޑުގެ ސަލާމަތީ ކަންކަމުގައި އިންޑިއާއިން ދަނީ އިތުރު ދައުރެއް އަދާކުރަން މަސައްކަތްކުރަމުންނެވެ. އަދި މަލަކާ ސްޓްރެއިޓްސް ޕެޓްރޯލްގައި ބައިވެރިވުމަށް އިންޑިއާއިން ޝައުގުވެރިވާކަން ސިންގަޕޫރުން ވެސް ވަނީ ފާހަގަކޮށްފައެވެ.
އެހެންނަމަވެސް، ސަބަންގް ބަނދަރުގެ އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދާއިމީ ގޮތެއްގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ ނުވަތަ އަސްކަރީ ސިފައިން ބޭތިއްބުމުގެ ފުރުސަތު ދީފައެއް ނުވެއެވެ. އިންޑޮނީޝިއާއިން އެ ގައުމުގެ ސިޔާދަތު ހިމާޔަތްކުރުމަށް އަބަދުވެސް އިސްކަންދޭއިރު، އިންޑިއާގެ އަމާޒަކީ ސަރަހައްދީ ބައިވެރިންނާ ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ލޮޖިސްޓިކްސްގެ ރޮނގުން ގުޅުން ބަދަހިކުރުން ކަމަށް ދިރާސާވެރިން ބުނެއެވެ.
ސަބަންގް ބަނދަރަށް އިންޑިއާއިން ޝައުގުވެރިކަން ފާޅުކުރަން ފަށާފައިވަނީ 2018 ވަނަ އަހަރު އެކުލަވާލި 'ޝެއާޑް ވިޝަން އޮން މެރިޓައިމް ކޯޕަރޭޝަން' ގެ ދަށުންނެވެ. އަންޑަމަން އަދި އާޗޭ ގުޅުވާލުމަށް އެކުލަވާލާފައިވާ ޖޮއިންޓް ޓާސްކް ފޯހުން މިހާރު މަސައްކަތްކުރަމުން ދަނީ ޕޯޓް ބްލެއާއާ ދެމެދު ފަސިންޖަރުންނާއި މުދާ އުފުލުމުގެ ދަތުރުތައް ފެށުމަށާއި، ފަތުރުވެރިކަމުގެ ޕެކޭޖުތައް ތައާރަފުކުރުމަށެވެ.
މި މަސައްކަތުގައި އޮސްޓްރޭލިއާއަށް ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ވެއެވެ. އިންޑިއާ، އިންޑޮނީޝިއާ އަދި އޮސްޓްރޭލިއާ ހިމެނޭ ޓްރައިލެޓަރަލް ގުޅުމުގެ ތެރެއިން، ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމާއި، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކަމަށް ޖުލައި މަހުގެ ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ސަބަންގް ބަނދަރުގެ މަޝްރޫއު ކާމިޔާބުވާނީ އެތަނަށް ބޯޓުފަހަރު ޒިޔާރަތްކޮށް، ވިޔަފާރިވެރިން އިންވެސްޓްކުރުމުން ކަމަށް އޭޝިއާ ސޮސައިޓީ އޮސްޓްރޭލިއާގެ ދިރާސާވެރިން ފާހަގަކުރެއެވެ. އަދި މި ބަނދަރު ވިޔަފާރީގެ ގޮތުން ކާމިޔާބުވެ، އަންޑަމަން ޖަޒީރާތަކާ ގުޅިއްޖެނަމަ، އަސްކަރީ މަރުކަޒަކަށް ނުވެ، ސްޓްރެޓީޖިކް ގޮތުން މުހިންމު ތަނަކަށް އެތަން ވާނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.
