ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 17 ކޭސް މާލެ ސަރަހައްދުން ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއާއެކު މި އަހަރުގެ މިހާތަނަށް ހިމަބިހި ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު 243 އަށް އަރާފައިވާކަމަށެވެ.

އެޗްޕީއޭއިން ބުނީ މި އަހަރު މިހާތަނަށް 16،045 ފަރާތަކަށް ހިމަބިހީގެ ވެކްސިން ވެސް ދެވިފައިވާކަމަށެވެ.

ރާއްޖެއަކީ 2017 ވަނަ އަހަރުން ފެށިގެން ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ނަމަވެސް އަނެއްކާވެސް ހިމަބިހީގެ ކޭސްތަކެއް ފެނި ބަލި ޖެހެމުންދާ މީހުން ދަނީ އިތުރުވަމުންނެވެ.

"މީސްލްސް" ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ މި ބައްޔަކީ ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިޖެހިފައިވާ މީހަކު ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކު އުޅޭ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަކީ އެންމެ މުހިންމު ފިޔަވަޅުކަމަށް ސިއްހީ އިދާރާތަކުން ފާހަގަކުރެއެވެ.

އެޗްޕީއޭއިން ވަނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭއިން ވަނީ ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.