ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ފެށި "ޒުވާން ހަޠީބުން" ތަމްރީންކުރުމުގެ މަޝްރޫއުގެ މައިގަނޑު އަމާޒަކީ ގައުމަށް ހަޠީބުންގެ އާ ޖީލެއް ބިނާކުރުން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހުޠުބާ ކިޔުމުގެ ގާބިލިއްޔަތުކަމާއި އެ ހުނަރު ކުއްޖެއްގެ ކިބައިގައި ހުރުމަކީ އެ ކުއްޖެއްގެ ޝަހުސިއްޔަތަށް އިތުރުވެގެންދާނެ ވަރަށް ރަނގަޅު އަދި މުހިންމު ސިފައެއްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫއުގެ ތެރެއިން ތަމްރީނުވާ ޒުވާން ހަޠީބުންނަކީ ޖަމާއަތުގައި ބަރާބަރަށް ނަމާދުކުރާ، އެހެން ޒުވާނުންނަށް ހުރިހާ ގޮތަކުންވެސް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތިމާއަށް ލިބޭ ކޮންމެ ނިއުމަތަކާއި، އުފަލާއި ހިތްހަމަޖެހުމެއްގައި އަބަދުވެސް މައިންބަފައިން ޝާމިލްކުރަން ޖެހޭނެ. އަޅުގަނޑުމެންނަށް މިއަދު މިފަދަ ކާމިޔާބީތަކާ ހަމައަށް އާދެވިފައިވަނީ މައިންބަފައިންގެ ބުރަ މަސައްކަތާއި، އެފަރާތްތަކުގެ ހެޔޮ ނަސޭހަތާއި ބަރަކާތްތެރި ދުއާގެ ސަބަބުން" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ އިމާމުކަމުގެ ސެޓްފިކެޓް ލެވެލް 1، 2، އަދި 3 ނިންމައި އިމާމުކަމަށް ނިކުންނަ ފަރާތްތަކުގެ އިތުރުން، ނިޒާމީ ތައުލީމުގެ ތެރެއިން އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ އިލްމު އުނގެނިގެން އިސްލާމް މާއްދާއިން މަތީ ދަރަޖަ ހޯދާ ފާސްވެ، އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ފުރިހަމަ ގާބިލިއްޔަތުކަން ހުންނާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އިސްލާމް މުގައްރަރަކީ ވަރަށް ގިނަ މައުލޫމާތުތަކެއް ހިމެނޭ، ވަރަށް ފުޅާ އަދި ތަނަވަސް މުގައްރަރެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޒުވާން ހަޠީބުން ތަމްރީނު ކުރުމުގެ މަޝްރޫއުގެ 5 ވަނަ ބުރުގެ 90 ބައިވެރިންވަނީ ދަސްވެނިވިފައެވެ.