ރާއްޖެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުނީ ސަރުކާރުގެ ބޮޑު އިސްރާފާއި ހަރަދު ކުޑަނުކުރުމުގެ ސަބަބުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަޕޯޓު ފީތައް ބޮޑުކޮށް، ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ އިތުރުން އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ނަގަމުންދާތީ، ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް އާމްދަނީ ލިބެމުންދާ ކަމަށެވެ.

ނަމަވެސް، ހަރަދު ކުޑަނުކޮށް، ރަސްމާލެ ހިއްކުމާ، އަސްކަރީ ޑްރޯނާ ހަތިޔާރު ގަތުމާ، ބިލިއަނުން ކުރާ މުސާރައިގެ ހަރަދުތަކާއި ކޮރަޕްޝަނުގެ ސަބަބުން ޑޮލަރުގެ އަގު އުފުލެމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނުއިރު 17.50 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިއަދު 23 ރުފިޔާއަށްވުރެ މައްޗަށް ދިޔައީ ސަރުކާރުން ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެން ނޫން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ، ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރުމަކީ ވިޔަފާރިތަކަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން އަންނާނެ ކަމަށެވެ.