ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މީހުންގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ޖަމާކުރުން ލާޒިމްވާ ގޮތަށް "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު" އަށް އިސްލާހު ގެނެސްފިއެވެ.
މިބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނައި 3 ވަނަ އިސްލާހުގައެވެ. މި އިސްލާހުގައި ވަނީ އެ ގަވާއިދުގެ 58 ވަނަ މާއްދާގެ "ނ"ގެ ފަހަތަށް "ރ" ހިމަނައި ބައެއް އިތުރުކޮށްފައެވެ.
އެގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ގެނައި މި އިސްލާހާއެކު ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބެންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށް ކަމުގައިވަނީ ބަޔާންކޮށްފައެވެ.
މި ބަދަލަށް އަމަލުކުރަން ފަށާނީ ގަވައިދު ޝާއިއުކުރާ ތާރީހުން ފެށިގެން އެއް މަސް ދުވަސް ހަމަވުމުންކަމުގައިވާއިރު މި ގަވައިދުގެ މައިގަނޑު ބޭނުމަކީ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމާ، މުސާރައާ ގުޅޭ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުންކަމުގައި ވަނީ ބަޔާންކޮށްފައެވެ.
2016 ވަނަ އަހަރު ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭންކް އެކައުންޓަށް މުސާރަ ނުފޮނުވާ ފަރާތްތައް ޖޫރިމަނާކުރަން ނިންމި ނަމަވެސް، ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ގިނަވުމުގެ ސަބަބުން އެކަން އޭރު އޮތީ މަޑުޖެހިފައެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ގަވައިދުގެ ތެރެއަށް ފެއްތުމަށްފަހުގައެވެ.
