މާލެ، މާފަނުންގައި ހުންނަ ރެސްޓޯރެންޓެއްގައި މާރާމާރީއެއް ހިންގާ އަންހެނަކަށް ހަމާލާދިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މަރާމާރީގެ މައުލޫމާތު އޮގަސްޓް 22 ވަނަ ދުވަހުގެ ރޭގަނޑު 23:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ރެސްޓޯރެންޓް ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ރެސްޓޯރަންޓުގައި އިން އަންހެނަކަށް ފިރިހެނަކު ހަމަލާދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން، މި ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރި ބަޔަކަށްވެސް ހަމަލާދީ، ރެސްޓޯރެންޓްގެ ދޮރަށް ގެއްލުންދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި، އެތަނުގެ އަންހެން މުވައްޒަފެއްގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޯ ދުޅަވެ އަނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ މި މައްސަލަައިގެ ތުހުމަތުގައި އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
