ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއަރުވައި، އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ވޯލްޑް ބޭންކުގެ އެހީގައި ހިންގާ "އާރުވެރި މެޗިންގް ގްރާންޓް" ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމްއެވެ.

ޖުމްލަ 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ މި ގްރާންޓް ސްކީމަކީ މަސްވެރި ސިނާއަތް ކުރިއަރުވައި ފުޅާކުރުމަށް މިހާތަނަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މި ސްކީމްގެ ދަށުން ހާއްސަ 7 ދާއިރާއަކަށް އިސްކަންދީފައިވާއިރު، ސްކީމަށް އެދި ހުށަހަޅައިގެން ފާސްވާ މަޝްރޫއުތަކުގެ ހަރަދުގެ 40 ޕަސެންޓް ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެހީގެ ގޮތުގައެވެ.

މި ސްކީމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރި ސިނާއަތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަމުގެ އުސޫލުތައް ކުރިއެރުވުމުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ނަފާވެރި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗާ ތަރައްގީކުރުމާއި، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ނިޒާމުތައް ގާއިމުކުރުމާއި، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުންވެސް މި ސްކީމްގެ ދަށުން ހިމެނެއެވެ.

މި ގްރާންޓް ސްކީމާ ގުޅޭ އެންމެހައި މައުލޫމާތުތަކާއި، ސްކީމްގެ ދާއިރާތަކުގެ ތަފުސީލު ލިބޭނެހެން އަދި ފަސޭހަކަމާއެކު އެޕްލިކޭޝަން ހުށަހެޅޭނެ ހާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މަސްވެރި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، މަސްވެރިންނާއި ވަކިވަކި ފަރުދުންގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަމާއި ވާދަވެރިކަން ކަށަވަރުކޮށް، މުޅި ސިނާއަތުގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެހެންކަމުން، މިއަދު ތައާރަފުކުރެވުނު މި ސްކީމަކީ އެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެޅުނު ވަރަށް މުހިންމު ބިންގަލެކެވެ.

މި މަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވޯލްޑް ބޭންކުގެ އެހީއާއެކު ހިންގާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ހެކިތަކުގެ މައްޗަށް ބިނާކޮށް، ސައުތު ވެސްޓް އިންޑިއަން އޯޝަން ސަރަހައްދުގައި މަސްވެރިކަން މެނޭޖްކުރުން ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން އިތުރުކޮށް ވަރުގަދަކުރުމެވެ.

2023 ވަނަ އަހަރު ފަށާފައިވާ ޖުމްލަ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ މި ބޮޑު މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުއެވެ.