މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން ހިތުން ކިޔެވުމުގެ ބައިނަލްއަގްވާމީ މުބާރާތުން ރާއްޖެ ތަމްސީލުކުރި މއ. އަސާސް، އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު 4 ވަނަ ހާސިލްކޮށްފައެވެ.

ޝާޔާ މި ވަނަ ހާސިލުކޮށްފައިވަނީ މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިންނެވެ. މި ވަނައިގެ އިނާމެއްގެ ގޮތުގައި 170,000 ސައުދީ ރިޔާލް ކަނޑައެޅިފައިވާއިރު މިއީ މައްކާގައި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ޤުރުއާން މުބާރާތްކަން ފާހަގަކޮށްލެވެއެވެ.

މި އަހަރު ބޭއްވުނު 46 ވަނަ މުބާރާތުގައި ދުނިޔޭގެ 133 ގައުމަކުން ބައިވެރިން ވާދަކޮށްފައިވެއެވެ. މިއީ މި މުބާރާތުގެ ތާރީހުގައި އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރީގެ މުބާރާތްތަކުގައި އަންހެން ކުދިންގެ ގޮފިއެއް ހިމެނިފައެއް ނުވެއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި އިނާމު ދިނުން އޮތީ ރޭ މައްކާގެ ހަރަމްފުޅުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާ، ޙަރަމްފުޅުގެ އިމާމު ޑރ. އަބްދުއްރަހްމާނުއް ސުދައިސް އަދި ހާއްސަ މެހްމާނުން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަފްލާގެ ތެރެއިން ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުއްލަތީފް އާލުއްޝައިހު ވަނީ ޝާޔާ އާއި އޭނާގެ ބެލެނިވެރިންގެ އަރިހަށް ވަޑައިގެން، ޝާޔާ ހޯދި ބޮޑު ކާމިޔާބީއަށް ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު މުބާރާތަކުން ދިވެހި ބައިވެރިއަކު މިފަދަ ފަހުރުވެރި ވަނައެއް ހާސިލުކުރުމަކީ މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.