ދިވެހިރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސް ހާފިޒުންގެ އަދަދު އިތުރުވަމުންދާކަމީ އުފާވެރި ކަމެއްކަން ފާހަގަކުރައްވާ، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހާފިޒުންގެ އަދަދު 500 އަށް އެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާއްސަކޮށް ޒުވާނުން ގުރުއާން ހިތުދަސްކުރުމަކީ ރާއްޖޭގެ އިސްލާމީ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ. އަދި މި ވަގުތާ ހަމައަށް ރާއްޖޭގައި ތިބި ހާފިޒުންގެ އަދަދު 322 އަށް އަރާފައިވާ ކަމަށާއި، ކުރިއަށްއޮތް ރޯދަ މަހު ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުއިއްޒު ހާފިޒުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންނަށް ދައުލަތުން ދޭ އިނާޔަތް އިތުރުކުރައްވާފަވާކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މިވަގުތާ ހަމައަށް ރާއްޖޭގެ ކަންކޮޅުތަކުގައި 2,000 އަށްވުރެ ގިނަ ދަރިވަރުން ގުރުއާން ހިތުދަސްކުރަމުން އަންނަ ކަމަށެވެ. އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގައާއި އިލްމު އިންސްޓިޓިއުޓްގައިކަން ވެސް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ގުރުއާނުގެ އިލްމު ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން މިހާރުވާނީ 30 ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ރަޖިސްޓްރީކޮށް އަމަލީ ގޮތުން ހިންގަން ފަށާފައިކަމަށެވެ.

އަދި އިތުރު 20 ތަނެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި، އިތުރު 38 ތަނެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ތެރޭ ހުރިހާ ރަށަކަށް މި މަޝްރޫއު ގެންދިއުންކަމަށާއި، ރަށް ރަށުގައި ހިންގާ ގުރުއާން މަރުކަޒުގެ ގޮފިތަކުގައި އިމާމުންނަށް ވެސް ގުރްއާން ކިޔަވައި ދިނުމުގެ މަސްއޫލިއްޔަތު ވަޒީފާ ބަޔާނަށް ދަނީ އިތުރުކުރަމުންކަމަށެވެ.