ކީރިތި ގުރުއާން އެންމެ ފުރިހަމައަށް އުގެނި އެ މަތިވެރިވެގެންވާ ފޮތް ހިތު ދަސް ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ﷲގެ ކަލާމްފުޅު ހިތުން ކިޔާލުން ފަދަ މަތިވެރި ޝަރަފެއް މި ދުނިޔެމަތީ އަހަރުމެން ފަދަ ކޮންމެ މުސްލިމަކަށްވެސް ލިބިގެންދިޔުމަކީ ނިއުމަތެކެވެ. މި ނިއުމަތް ހޯދުމަށް ޅަ އުމުރުން ފެށިގެން ވެސް މަސައްކަތް ކުރާ ދިވެހީން އިތުރުވެ، ހާއްސަކޮށް ތުއްތު އިރުން ފެށިގެން ކުދިން ކުރަމުންދާ ބުރަ މަސައްކަތް ފެނި ހިތަށް ހަމަޖެހުން ގެނެސްދެއެވެ.

އެފަދަ ބުރަ މަސައްކަތާއި ނުގުޑާފަދަ އަޒުމަކާއެކު އުމުރުން 13 އަހަރުގެ އަބްދުﷲ އައްޔާޝް އިބްރާހީމް ޝާހްވެސް މިވަނީ ގުރުއާން ހިތުދަސްކޮށް ހާފިޒްކަމުގެ ސަނަދު ހޯދާފައެވެ. ގްރޭޑް 8 ގައި ތައުލީމް ހާސިލް ކުރަމުންދާ އައްޔާޝް ގުރުއާން ހިތުދަސް ކުރުމަށް ޝައުގުވެރިކަން އުފެދުނީ ގެއިން މެދުނުކެނޑި އިވެމުންދިޔަ ގުރުއާންގެ މޫރިތި އާޔަތްތަކުގެ އަޑުގެ ސަބަބުންނެވެ.

ގުރުއާން ހިތުދަސްކުރަން ރަސްމީ ހައިސިއްޔަތަކުން ފެށީ އުމުރުން 8 އަހަރުގައި ނަމަވެސް އައްޔާޝް ވަނީ ފަލާހް ގުރުއާން މުބާރާތުގެ އިތުރުން އެހެނިހެން މުބާރާތްތަކުގައި ވެސް ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ގުރުއާން ހިތުދަސް ކުރުމަށް މި ހޭދަވި މުއްދަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް އައްޔާޝް އާއި އޭނާގެ މަންމަވެސް ފާހަގަ ކުރީ، ކޮވިޑްގެ އާލަމީ ބަލިމަޑު ކަމުގެ ސަބަބުން އޮންލައިންކޮށް ހިތުދަސް ކުރުމުގެ މަސައްކަތް ކުރަން މަޖުބޫރުވި ހާލަތެވެ.

އަދި އެއީ 500 ހާފިޒުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޔާޝްއަށް އެ ފުރުސަތު ލިބުނުތާ ތިން މަސް ދުވަސް ފަހުން ކަމުން ގުރުއާން ހިތުދަސްކުރަން ފެށި ކުރީކޮޅު ބޮޑެތި ގޮންޖެހުންތައް ދިމާވިއެވެ. އަދި އޮންލައިން ކްލާސްތައް މެދުވެރިކޮށް ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ފެށި ނަމަވެސް އައްޔާޝްގެ ހިތްވަރަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ދަތިތަކެއް ދިމާވި ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި އެވެސް ﷲ ކުރިމަތި ކުރެއްވި އިމްތިހާނެކެވެ. އެ އިމްތިހާނުން ފާސްވެ ގުރުއާން ހިތުދަސް ކުރުމުގެ ފުރިހަމަ ހިތްހަމަޖެހުން އައްޔާޝްއަށް މިއަދު ލިބެއެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އައްޔާޝް އަދި އޭނާގެ މަންމަ އަދި ބައްޕައާއި ބައްދަލު ކުރައްވަނީ

އައްޔާޝް ގަބޫލު ކުރާ ގޮތުގައި ސްކޫލުގައި ތައުލީމް ހާސިލް ކުރުމަކީ މިފަދަ ބޮޑު ކަމަކަށް އަޒުމް ކަނޑަނޭޅޭނެ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި މި އުއްމަތުގެވެސް އެންމެ މާތް ފޮތް ކަމަށްވާ ގުރުއާން ހިތުދަސްކުރަމުން އެހެނިހެން މާއްދާތައް ކިޔެވުމުގައި އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ ކަމަށް އައްޔާޝްގެ މަންމަ ހިއްސާ ކުރިއެވެ.

އަދި މިފަދަ ބޮޑު ކަމެއްގައި އަޒުމް ކަނޑައަޅައިގެން އުޅޭއިރު ގުރުބާނީތަކެއް ވެސް ވާންޖެހޭނެ ކަން ފާހަގަކޮށް އައްޔާޝްގެ މަންމަ ބުނީ، ސްކޫލްގެ ބޭނުންވާ ބައެއް ކަންކަން މަޑު ޖައްސާލުމަށްފަހު ގުރުއާން ހިތުދަސް ކުރުމަށް އިސްކަން ދިން ކަމަށެވެ. އެއީ އުނދަގޫ ކަމެއް ނަމަވެސް ގުރުއާން ހިތުދަސްވުމުން ލިބޭ އުފާ މާ ބޮޑު ކަމަށް ވެއެވެ.

ގުރުއާން ހިތުދަސް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އައްޔާޝް ދިން ޓިޕްސް:

  • ބަލައިގެން ކިޔަވާއިރު ފިލިތަކަށް ބަލައިގެން ރަނގަޅަށް ކިޔަވާ ހިތުގައި ހަރުލެއްވުން
  • ފިލާވަޅު ދަސްކުރާއިރު މަދުވެގެން ސޮފްހާއެއް ދަސް ކުރުން
  • ފިލާވަޅު ދަސްކުރާ ކުދިން މަދުވެގެން އެއްފޮތް ނުވަތަ އެއް ފޮތާ ބައި މުރާޖާ ކުރުން
  • މުރާޖާ ކްލާހުގައި އުޅޭ ކުދިން ދުވާލަކު ތިން ފޮތް ކިޔެވުން
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އައްޔާޝްއާ ބައްދަލު ކުރައްވަނީ

ބެލެނިވެރިންނަށް އައްޔާޝްގެ މަންމަ ދިން ޓިޕްސް އަކީ ގޭތެރޭގަ އުޅޭ މާހައުލަކީ އަބަދުވެސް ގުރުއާން އަޑު އިވޭ ފަދަ މާހައުލަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މައިންބަފައިން ވެސް ގުރުއާން ކިޔަވާ އެ ކުދިންނަށް އެފަދަ ރީތި ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މިފަދަ އާދަތައް ކުއްޖާގެ ގައިގައި ހަރުލެއްވުމަށް ބޭނުންތެރި ކަމެކެވެ. ހަމަ އެހެންމެ ކޮންމެ ކަމެއްގައި ވެސް ގޮންޖެހުތައް ކުރިމަތިވާނެކަން ދަނެގެން އެފަދަ ކޮންމެ ހާލަތެއްގައި ވެސް ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވިއެވެ.

"ކޮންމެ ބޭފުޅަކުވެސް 24 ގަޑިއިރުން ގުރުއާން ކިޔެވުމަށް ވަގުތު ކޮޅެއް ހޭދަކޮށްލާށޭ. އޭރުން ނޭނގި ހުރެ މި ނިއުމަތް ދެއްވަފާނެ އިންޝާﷲ. ހިތްވަރު ދޫ ނުކޮށް ﷲ އާއި ވަކީލު ކޮށްފަ މަސައްކަތް ކުރާށޭ"
އައްޔާޝްގެ މަންމަ

4 އަހަރު ދުވަހުން ގުރުއާން ހިތުދަސް ކުރުމަށް އެންމެ ބޮޑު ހިތްވަރެއް އައްޔާޝްއަށް ލިބުނީ މައިންބަފައިންގެ ފަރާތުންނެވެ. އަދި އޭގެ އިތުރުން ވެސް ގުރައިޝާ ދޮންތަ އާއި ޒާހިރު އުސްތާޒްގެ އިތުރުން ގުރުއާން ހިތުދަސް ކުރުމަށް އެހީތެރިވި ހުރިހާ މުދައްރިސުން ފޯރުކޮށްދިން އެހީތެރިކަމަށް އައްޔާޝްއާއި އޭނާގެ މަންމަ ޝުކުރު އަދާ ކުރީ ހިތުގެ އަޑިންނެވެ.