ރިސޯޓު ކުއްޔާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް ސަރުކާރުން ފިޔަވަޅު އަޅަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ތެރެއިން ހިންގަމުންދާ ތަންތަނާއި މިނިސްޓްރީގެ ހުއްދަނެތި ހިދުމަތް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމައިފައިވާ ކަމަށެވެ.

ވީމާ ކުއްޔާއި ޖޫރިމަނާ ފައިސާ، ސަރުކާރާ އެކު ވެފައިވާ ކުލީގެ އެއްބަސްވުމުގައިވާ ގޮތަށް ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ޚަލާސްކުރަން މިނިސްޓްރީން އަންގާފައި ވެއެވެ. ނަމަވެސް، އަޅަނީ ސީދާ ކޮން ފިޔަވަޅެއް ކަމަށް އެ އިއުލާނުގައި ބުނެފައެއް ނުވެ އެވެ.

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގަމުން އަންނަ ރިސޯޓުތަކުގެ ނަންތައް މީގެ ކުރިން ވެސް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައި ވެއެވެ. 2022 ވަނަ އަހަރު މީރާއިން އާންމުކުރީ އަމީނީ މަގުގައި ހުންނަ ޓެކްސް ޕެޔާ ސެންޓަރުގައި ހުންނަ ޑިޖިޓަލް ނޯޓިސް ބޯޑުގަ އެވެ.

މީރާގެ ތަފާހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި އަދަދު ވަނީ 5.7 ބިލިއަނަށް އަރައެވެ.