ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށާއި މުޖުތަމައުތަކުގެ ސިއްހަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގާ މަދަނީ ޖަމިއްޔާތަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދޫކުރާނެ ގޮތުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ މި އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ރަޖިސްޓާކޮށްގެން ހިންގާ ޖަމިއްޔާތަކުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބާރުއަޅައި ހަރަކާތްތައް ހިންގާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.
އެގޮތުން އެހީ ދޫކުރުމަށް ކަނޑައެޅިފައިވާ 3 ގިންތިއަކަށްކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފައެވެ.
- ވަކި މުޖުތަމައަކަށް ނުވަތަ ރަށަކަށް އަމާޒުކުރާ ހަރަކާތްތަކަށް: 75,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
- ޖުމުލަކޮށް ރާއްޖޭގެ އެންމެންނަށް ފައިދާކުރާނެ މަސައްކަތްތަކަށް: 100,000 ރުފިޔާއާއި 300,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
- އެއް ސަރަހައްދަށް ވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތް ކުރުމަށް: 300,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދެއް.
މި އުސޫލުގައިވާ ގޮތުން، ހުށަހަޅާ ކޮންމެ ޕްރޮޕޯޒަލެއްގައި އިދާރީ ހަރަދުގެ ގޮތުގައި ހިމެނޭނީ ހުށަހަޅާ ޖުމްލަ އަދަދުގެ ގިނަވެގެން 20 ޕަސެންޓެވެ.
އެޗްޕީއޭގެ އުސޫލުގައިވާ ގޮތުން މާލީ އެހީއަށް އެދޭ ޖަމިއްޔާތަކުގެ ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ޖަމިއްޔާއެއްގެ ގޮތުގައި މަދުވެގެން 12 މަސްދުވަސް ވަންދެން މަސައްކަތްކޮށްފައިވުން ހިމެނެއެވެ. އަދި އެދޭ ފަރާތަކީ ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ ނުވަތަ އެފަދަ ވިޔަފާރިއަކާ ގުޅުންހުރި ފަރާތަކަށް ވެގެންނުވުން ހިމެނެވެ.
އެޗްޕީއޭ އިން ބުނީ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ 7 މެންބަރުންގެ އެވޯޑިން ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ އޮފިޝަލުން، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެންބަރެއް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިސް މުވައްޒަފެއް، އެޗްޕީއޭއިން ކަނޑައަޅާ ފަރާތެއް އަދި ޕަބްލިކް ހެލްތު ފަންޑު ކޮމިޓީގެ ބޯޑު މެންބަރެއްގެ އިތުރުން ހޯމް މިނިސްޓްރީގެ އިސް މުވައްޒަފެކެވެ.
