ދިވެހި ގައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވައި ދެއްވި ތަގުރީރުގައެވެ.
އުތީމު މަހާރަދުން ރާއްޖޭގެ މިނިވަންކަމަށް ކުރެއްވި ޖިހާދުގައި ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުންނާއި، އެއަށްފަހު ހިކުމަތްތެރިކަމާއެކު، ހައްސާސް ދަނޑިވަޅެއްގައި ދާހިލީ އަދި ހާރިޖީ ކަންކަން ތަރުތީބުކުރެއްވި ރަސްކަލެއްގެ ހައިސިއްޔަތުން އިސްކުރެއްވި އުސޫލުތަކުން މިސާލު ނަންގަވައި، ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރުގައި ވަނީ މުހިންމު އެތައް ކަމެއް ފާހަގަކުރައްވާފައެވެ.
އެގޮތުން، ދިވެހި ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގެން، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު އެ ތަކުރުފާނުން ހޯއްދަވައިގެން، އެރަދުން ނަމޫނާ ދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕޯޗުގީޒު އިސްތިއުމާރާ ދެކޮޅަށް ކުރެއްވި ޖިހާދަށް ތައްޔާރުވެވަޑައިގެންނެވުމުގައި، ރާއްޖޭގެ ފެތުރިފައިވާ އާބާދީތައް އެއް އަޒުމެއްގައި، އެއް އަމާޒަކަށް މީޒާންކުރުމަށް އެމަނިކުފާނު ގެންގުޅުއްވި އުސޫލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އުތީމު މަހާރަދުންގެ ހާރިޖީ ސިޔާސަތުގެ ހިކުމަތުން، ދިވެހިންނަކީ ގައުމީ ސިޔާދަތާއި ގައުމުގެ މިނިވަންކަން އިސްކުރާނޭ ބައެއްކަން ސާބިތުކޮށްދެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަނގުރާމަވެރި ވިސްނެވުމެއްގައި އެ ތަކުރުފާނުން ގެންގުޅުއްވި އުކުޅުތަކާއި، މާތްވެގެންވާ އިސްލާމްދީނަށް ނަސްރުދެއްވުމަށް އެ މަހާރަދުން ދެއްވި އަހުމިއްޔަތުން ފިލާވަޅު ލިބިގަނެވޭނޭކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ފާހަގަކުރެއްވިއެވެ.
