ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމިއްޔާއަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް މިއަދު އަރުވައިފިއެވެ.
މި އިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތް ބޭފުޅުންނާއި ޖަމިއްޔާ:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު އާމިރު އަހްމަދު، ފީރޯޒްވާދީ ފަރެސްއަވަށް، ހުސްނުހީނާގެ، ގދ.ފަރެސްމާތޮޑާ
- އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: އިބްރާހީމް ރަޝީދ، ވ. ވަސްމީރުފިޔަ
- ސިއްހީ ދާއިރާއިން: ސޮސައިޓީ ފޮ ހެލްތް އެޑިޔުކޭޝަން (ޝީ)
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: ނަޖުމާ ހުސައިން ،ގ. ނޫރީފެހި
ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަތް 7 ބޭފުޅުންނާއި ކުންފުނި
- އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމުގެ ދާއިރާއިން: ހައްވާ ލަތީފް
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ނަސީރު
- ދިވެހި ތާރީހުގެ ދާއިރާއިން: ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު
- ސިއްހީ ދާއިރާއިން: މުހައްމަދު އަހްމަދު
- އިމާރާތްކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން: ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން: އަރުޝަދު އަހްމަދު
- ކުޅިވަރުގެ ދާއިރާއިން: އާއިޝަތު ނައުރާ
- ވިޝުއަލް އާޓްސްގެ ދާއިރާއިން: އިސްމާއީލް އަބްދުލްޣަފޫރު
މީގެއިތުރުން، މި ޖަލްސާގައި ވަނީ އަލްމަރްހޫމް އިހްސާން އަބްދުލްޣަނީގެ ހަނދާނަށް ހިދުމަތުގެ ގައުމީ އިނާމު އަރުވާފައެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެއް ދެއްވި އިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
