މިނިވަންކަމާ، ޒިންމާތަކާ އެކު ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަ ކަމަށާއި ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ލިޔުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ގައުމު އަމާންކަމާއި ރައްކާތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ވިސްނަންވީ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، އެ ޒިންމާއަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ، އެންމެން ވެސް ގައުމިއްޔަތު ދިރުވައި އާލާކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ގައުމީ ދުވަހާ ގުޅިފައި އޮތީ ދިވެހި ވަންތަ ސިފަތަކާއި އެއްބައިވަންތަ ގުޅުންތަކެއްކަމަށެވެ. ގައުމުގެ ކުރިއެރުމަށް، ދެން ވެސް ކުރިއަށް ނެރެން ޖެހެނީ ގައުމީވަންތަކަން ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަގީގީ ކުރިއެރުމަކީ ގައުމާ މެދު ކޮންމެ މީހަކު އަމިއްލަ އަށް އަދާކުރަން ޖެހިފައި އޮތް ޒިންމާ ފުރިހަމައަށް އަދާކުރުން ކަމަށެވެ. ދިވެހީންނަކީ ކޮންމެ ކަމެއްގައި ވެސް ގައުމު އިސްކުރާ ބަޔަކަށް ވާންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދިވެއްސަކަށް ވީތީ ފަހުރުވެރިވާ އެތައް ސިފައެއް މީގެ ކުރިން މި ގައުމުގައި ހުރިކަމަށެވެ. އެގޮތުން، މައިންބަފައިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންނަށް އަޅާލައި އޯގާތެރިވެ، އެހީތެރިވުމަކީ ދިވެހީންގެ ދިވެހިވަންތަކަމުގެ ސިފައެއްކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު މުޖުތަމައުން ފެންނަ ކަންބޮޑުވުމަކީ، ތިމާގެ ކުރިއެރުމަށް ކޮންމެ ފަދަ ގޮތެއް ހަދާފައި ނަމަވެސް އަނެކާގެ އަބުރާއި އިއްޒަތަށް އަރައިގަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުދޫދުން ބޭރުނުވެ، ހައްގުތަކަކާ އެކު ޒިންމާތަކެއް ވެސް އޮންނަ ކަން ގަބޫލުކުރަން ޖެހޭކަމަށާއި އަނެކާގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ބުނާ ބަހެއްގެ ސަބަބުން އަނެކާގެ މިނިވަންކަމާއި އަބުރާއި އިއްޒަތަށް އަރައިގަނެވޭ ނަމަ އެއީ ހައްގުތަކުގެ އިމުން ބޭރުވުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ މާޒީން ފެނުނު ދިވެހިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި ގައުމީ ވިސްނުން ކުރިއަށް ނެރުން ފަދަ ރީތި ސިފަތައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭކަމަށެވެ.
މިއަދުގެ ޖަލްސާގައި ރައީސް މިފަދައިން ވާހަކަފުޅު ދައްކަވާފައިވާއިރު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާތައް ރެގިއުލޭޓްކުރަން ސަރުކާރަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. އަދި މި ބިލާއި އެކު ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށް، އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައެވެ.