އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމަށް ކުރެއްވި މަތިވެރި ގައުމީ ޖިހާދުގެ ވާހަކަ ބުނެދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. "ވާހަކަ ވައު" އިފްތިތާހް ކޮށްދެއްވުމުގެ އިތުރުން، އުތީމުގައި އަލަށް ތަރައްގީ ކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ހުޅުއްވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އުތީމަށް ވަޑައިގަތުމުން އެ ރަށުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ދަތުރުފުޅުގައި މިއަދު ހެނދުނު 10:00 ގައި ބާއްވާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދޭ އިރު،، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިދުމަތުގެ ގައުމީ އިނާމު، އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އުތީމުގައި ގައުމީ ދުވަހުގެ ހަރަކާތްތައް އިއްޔެ ހެނދުނުން ފެށިގެން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން އިއްޔެ ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. އަދި ރޭގެ ވަގުތެއްގައި އުތީމުގައި ވަނީ ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ބާއްވާފައެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހި އުންމަތް ސަލާމަތްކޮށްދެއްވި ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ.