އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުﷲ ޝާހިދު މިރޭ އިއުލާންކުރައްވައިފިއެވެ.
ޝާހިދު މިކަން އިއުލާންކުރެއްވީ މިރޭ އައްޑޫ ސިޓީ ހިތަދޫގެ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޝާހިދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވުމުގެ މަތިވެރި އަޒުމުގައި، މާތްﷲގެ ކިބަފުޅުން ވާގި އެދިހުރެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތު ބަދަލުކުރުމަށްޓަކައި އިތުރު ޖޯޝާއި ރޫހެއްގައި މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އާންމު މެންބަރުންގެ އަޑުއައްސަވާ، ހުރިހާ ފިކުރެއްގެ ބޭފުޅުންނާ ގުޅިގެން މަސައްކަތް ކުރެއްވޭނެ ސިޔާސީ ލީޑަރެއްގެ ގޮތުގައި ދެމިހުއްނަވާނެކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މުޅި ގައުމުގެ މަސްލަހަތު އިސްކޮށް، ރައްޔިތުންނަށް އިންސާފުވެރި ފުރުސަތުތަކެއް ފަހިކޮށްދޭނެ ހާދިމަކަށް ވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖެ މިއަދު ދެކެމުންދަނީ އިގްތިސާދީ ގޮތުން އަނދިރި ދުވަސްތަކެއް ކަމަށާއި، ތަރައްގީގެ ކަންތައްތައް މިހާރު އޮތީ ވާނުވާގައި ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ އެއްގޮތަށް މަސައްކަތް ކުރާނެ ތެދުވެރި ސަރުކާރެއް އަނެއްކާވެސް ގެނެސްދެވޭނީ އެމްޑީޕީއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީއާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، އައްޑޫގެ ސަވާހިލީ ސަރަހައްދުތައް އަނބުރާ އަތުލައި، އެ ބިމުގެ ނަފާ އައްޑޫ ރައްޔިތުންނަށް ލިބޭ ގޮތަށް އައްޑޫ ކައުންސިލާ ހަވާލުކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ތަސައްވުރު ފެށިގެން އަންނަނީ އައްޑޫ ސިޓީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝާހިދު ވަނީ ޕްރައިމަރީގައި އެމަނިކުފާނަށް ތާއީދުކޮށްދެއްވުމަށް ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ގައުމުދެކެ ލޯބިވުމަށާއި، ބައިނަލްއަގްވާމީ ދުނިޔޭގައި ގައުމުގެ ގަދަރު އުފުލާނެ ބަޔަކަށް ވުމަށް ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
