ރަށްރަށުގެ އިހުތިސާސްގައިވާ ބިންތައް ރައްޔިތުންގެ އެއްވެސް ބަހެއް ނެތި ސަރުކާރަށް ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަކީ ސީދާ ދިވެހި ރައްޔިތުންނާ ދެކޮޅަށް ކުރާ އަނިޔާވެރި ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ގާނޫނަށް ގެންނަން އުޅޭ އިސްލާހަކީ ސަރުކާރުން ހުދުމުހުތާރުކޮށް ހިންގާ އަނިޔާވެރި އަމަލެއް ކަމަށެވެ.

އަދި މި އަމަލު ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، ޝާހިދު ވިދާޅުވީ މި ކަމުގައި އިދިކޮޅު ފަރާތްތަކާއި އެމްޑީޕީ އޮތީ ދިވެހި ރައްޔިތުންނާއި ކައުންސިލްތަކާއެކު ސާބިތުވެކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރުއެވެ. މި އިސްލާހުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއަކަށް ބޭނުންވެއްޖެ ނަމަ، ކައުންސިލްގެ އިހުތިސާސްގައިވާ ބިމެއް ނުވަތަ ފަޅެއް ކެބިނެޓުގެ ނިންމުމަކުން ކައުންސިލްގެ އިހުތިސާސުން އުނިކޮށް ދައުލަތުގެ މައި ސަރުކާރުގެ ދަށަށް ބަދަލުކުރެވޭނެއެވެ.

އަދި ރަށުގެ ނުވަތަ ސިޓީގެ "ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން" ނުވަތަ "ލޭންޑް ޔޫސް ޕްލޭން" ފާސްވެފައި ނެތް ނަމަވެސް ސަރުކާރުން އިއުލާންކުރާ މަޝްރޫއުތަކަށް ބިން ދޫކުރުން ކައުންސިލްތަކަށް ލާޒިމުކުރެއެވެ. މީގެއިތުރުން ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުން މަގުބޫލު ސަބަބެއް ނެތި ހުރަސްއެޅުމާއި، މަޝްރޫއުތައް ހުއްޓޭފަދަ ނިންމުންތައް ނިންމުން މި އިސްލާހުން މަނާކުރެއެވެ.

މި ބިލާ ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ މިއީ ނިޒާމީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

އެގޮތުން ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރަކަށް ވިއަސް ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވީނަމަވެސް މަޖިލީހަށް ބިލު ހުށަހެޅުމުގެ ފުރުސަތު ގާނޫނު އަސާސީގެ ދަށުން އޮންނާނެ ކަމަށެވެ. ނަމަވެސް އަމިއްލަ މެމްބަރަކު ހުށަހެޅުއްވި މި ބިލަކީ ސަރުކާރުން ފޮނުއްވި ބިލެއް ގޮތަށް ވާހަކަދެއްކުމަކީ ނިޒާމީ މައްސަލައެއް ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

މި ކަމާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން ބިން ދޫނުކޮށް ލަސްކުރާތީ، މަޝްރޫއުތައް އަވަސްކުރުމަށް ގާނޫނީ އީޖާބީ ހައްލެއް ހޯދުން ކަމަށެވެ.

މި ބިލު މަޖިލީހަށް ބަލައިގަތްފައިވާއިރު، މި ބިލު ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ 8 މެމްބަރުންނެވެ.