ބަންގްލަދޭޝްގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ޝަކީބު އަލް ހަސަންގެ ގެއަށް ބަޔަކު ޕެޓްރޯލް ބޮމުން ހަމަލާދީފިއެވެ. މި ހަމަލާ ދީފައިވަނީ، އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވެރިކަމުން ދުރުކުރި ފަހުން ބޭއްވެވި ފުރަތަމަ މީޑިއާ ބައްދަލުވުމުގައި ޝަކީބު ބައިވެރިވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
ފުލުހުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވެރިރަށް ޑާކާއާ 170 ކިލޯމީޓަރު ދުރުގައި އޮންނަ މަގޫރާ އަވަށުގައި ހުންނަ ޝަކީބުގެ އާއިލީ ގެއަށް ހަމަލާދީފައިވަނީ ބުދަ ދުވަހުއެވެ. މި ހަމަލާގައި ގޭގެ ބިއްލޫރިތައް ތަޅައިލައި، މަތީ ފަންގިފިލާގައި ވަނީ ރޯކޮށްލައިފައެވެ. ނަމަވެސް ހަމަލާ ދިން ވަގުތު ގޭގައި އެއްވެސް މީހަކު ނެތުމުން، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހަމަލާ ދީފައިވަނީ ނިއުދިއްލީގައި ހުންނަ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބް އޮފް ސައުތު އޭޝިއާއިން އިންތިޒާމުކޮށްގެން ބޭއްވި ވަޗުއަލް ބައްދަލުވުމެއްގައި ޝަކީބު ބައިވެރިވި ފަހުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސީނާ ވިދާޅުވީ، އަންނަ ޑިސެންބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމަނާ ޖަލަށް ލުމަކީ ނުވަތަ އަވަހާރަކޮށްލުމަކީ އެކަށީގެންވާ ކަމެއްކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެނބުރި ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ޖެނުއަރީ 2024 ގައި އަވާމީ ލީގުގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާނޫނުހަދާ މަޖިލީހަށް އިންތިހާބުވި ޝަކީބު، ދަރިވަރުން އިސްވެ ފެށި މުޒާހަރާތަކާ ގުޅިގެން ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން ހުރީ ގައުމުން ބޭރުގައެވެ. އޭނާގެ މައްޗަށް މީހުން މެރުމާއި، ފައިސާއަށް ހިޔާނާތްތެރިވުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ކުރެވި، ތަހުގީގުތައް ދަނީ ހިންގަމުންނެވެ. މި ހަމަލާއާ ގުޅިގެން ޝަކީބުގެ ބަހެއް ހޯދުމަށް ރޮއިޓާސްއިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
އޮގަސްޓު 2024 އިން ފެށިގެން އިންޑިއާގެ ނިއުދިއްލީގައި ދިރިއުޅުއްވަމުން ގެންދަވާ އުމުރުފުޅުން 78 އަހަރުގެ ހަސީނާގެ މައްޗަށް، ބަންގްލަދޭޝްގެ ވޯ ކްރައިމްސް ޓްރައިބިއުނަލުން ވަނީ ނޮވެންބަރު 2025 ގައި މަރުގެ ހުކުމެއް އިއްވާފައެވެ. އެއީ 2024 ވަނަ އަހަރުގެ މުޒާހަރާތައް ރޫޅާލުމުގައި ހިންގި ކަންކަމާ ގުޅިގެންނެވެ. ހަސީނާގެ މި މީޑިއާ ބައްދަލުވުން ކުށްވެރިކޮށް ބަންގްލަދޭޝްގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެ ގައުމުގެ ސިޔާދަތަށް އެރި އަރައިގަތުމެއް ކަމަށެވެ. އަދި އިންޑިއާގައި ހުންނަވައިގެން މީޑިއާއާ ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަކީ ދެ ގައުމުގެ ގުޅުމަށް ހީނަރުކަން އަތުވެދާނެ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ އިންޒާރުދީފައެވެ. ބަންގްލަދޭޝްއިން ވަނީ ހަސީނާ އެ ގައުމާ ހަވާލުކުރުމަށް އިންޑިއާގައި އެދިފައެވެ.
