ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ދަށުން، ރޭ މާލޭގައި ހިންގި ރެއިޑްގައި ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭ ހިންގި މި އޮޕަރޭޝަނަކީ މާލޭގައި ހިންގާ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ރެއިޑެކެވެ. މި ރެއިޑްގައި ޖުމްލަ 12 ވިޔަފާރިއެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 15 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. މީގެ ތެރެއިން އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުން ދިޔަ ތިން ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި މަހު ހިންގި އެހެނިހެން އޮޕަރޭޝަންތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި 'މައިގްރޭޝަން މޮނިޓަރިން އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް' (އެމްއެމްސީޕީ) ގެ ދަށުން 11 ބިދޭސީއަކު ޗެކްކޮށް، އޭގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މަހުގެ 14 ވަނަ ދުވަހު މާލޭގެ 9 ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅުނު 10 ބިދޭސީއަކު ވަނީ އަތުލައިގެންފައެވެ.
މި މަހު ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނަކީ މި މަހުގެ 11 ވަނަ ދުވަހު ކ. ތިލަފުށީގައި ކުރިއަށްގެން ދިޔަ ހާއްސަ ރެއިޑެވެ. އެ އޮޕަރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު މާލެ އާއި ހުޅުމާލޭގައި ހިންގި ހަރަކާތުގައި 7 ބިދޭސީއަކު އަދި 5 ވަނަ ދުވަހުގެ ރޭ ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުން 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި ހުރިހާ އޮޕަރޭޝަންތަކާއެކު މި މަހުގެ މިހާތަނަށް ޖުމްލަ 80 ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަންތަކުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. އަދި އުސޫލުތަކާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، ރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމަކީވެސް މި މަސައްކަތުގެ މުހިންމު ބައެކެވެ.
