ސަރުކާރު ކުންފުނިތަކުން ހަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަން ފެށުމުގެ ކުރިން، މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރުވުމުގައި އިހުމާލުވި ކުންފުނިތަކުގެ ވެރިން ވަކިކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އެންގުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ސަރުކާރު ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން މަސައްކަތް ކުރާއިރު، އެއީ މަދުވެގެން 25،000 އަށްވުރެ ގިނަ މީހުންގެ އާމްދަނީއާ ގުޅިފައިވާ ބޮޑު ނިންމުމެއް ކަމަށެވެ. މުވައްޒަފުންގެ އަދަދު ކުޅަދާނަ ނުވާ މިންވަރަށް އިތުރުވީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، އާންމު މުވައްޒަފުން ކެނޑުމުގެ ކުރިން އެކަމުގައި އިހުމާލުވި ކުންފުނިތައް ހިންގަން ތިބި އިސްވެރިން ވަކިކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ވަކިކުރާ މުވައްޒަފުންގެ 90 ޕަސެންޓަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށާއި، މިއީ "ރައިޓްސައިޒް" ކުރުމުގެ ނަމުގައި އެމްޑީޕީ މީހުން ވަކިކުރުމަށް ސިޔާސީ ނުފޫޒުން ކުރާ ކަމެއް ކަމަށެވެ. މި ނިންމުމަކީ ސަރުކާރުގެ ސިޔާސީ ފަރާތްތަކުގެ އަންގައިގެން ކުރާ ކަމެއް ނަމަ، ޕީސީބީގެ ރައީސް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވަންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ވަޒީފާއިން ވަކިކުރާ މުވައްޒަފުންނާއި އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށާއި، މިކަމާ ގުޅިގެން އިނާކުއަރީއެއް ހިންގޭނެ ދުވަހެއްވެސް އަންނާނެ ކަމަށެވެ.
