އިންޑިއާގެ އަމިއްލަ ކުންފުންޏަކުން އުފެއްދި ފުރަތަމަ ރޮކެޓް ކަމަށްވާ 'ވިކްރަމް-1' ޖައްވަށް ފޮނުވައިފިއެވެ. 1.1 ބިލިއަން ޑޮލަރުގެ އަގެއް ކަނޑައެޅިފައިވާ ސްކައިރޫޓް އެރޯސްޕޭސް ކުންފުނިން އުފެއްދި މި ރޮކެޓް ފޮނުވާލާފައިވަނީ އިންޑިއާގެ ދެކުނުގައި އޮންނަ ސްރީހަރިކޯޓާގައި ހުންނަ އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) ގެ މަރުކަޒުން ހޮނިހިރު ދުވަހުއެވެ. މިއީ އިންޑިއާގެ ޖައްވީ ޓެކްނޮލޮޖީގެ ދާއިރާގައި 'ޔުނިކޯން' ދަރަޖަ ހާސިލުކުރި ފުރަތަމަ ކުންފުންޏެވެ.
ހަތް ބުރިއަށް ހަދާފައިވާ މި ރޮކެޓް، 16 މިނެޓުގެ ދަތުރަކަށްފަހު ދުނިޔޭގެ ތިރީ އޯބިޓަށް (450 ކިލޯމީޓަރު މައްޗަށް) ވާސިލުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ކާމިޔާބީއާއެކު އިންޑިއާ ވެފައިވަނީ، އެމެރިކާއާއި ޗައިނާއަށްފަހު، އަމިއްލަ ކުންފުންޏަކުން ޖައްވަށް ރޮކެޓް ފޮނުވުމުގެ ގާބިލުކަން ލިބިފައިވާ ތިންވަނަ ގައުމަށެވެ. ސްކައިރޫޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވިކްރަމް-1 ގެ ފުރަތަމަ ޓެސްޓް ދަތުރު އޯބިޓަށް ވާސިލުވެ، ތާރީހުގެ ތެރެއިން ޖާގަ ހޯދާފައިވާ ކަމަށެވެ.
ސްކައިރޫޓްގެ އަމާޒަކީ ޖައްވަށް ސެޓެލައިޓް ފޮނުވުމަކީ ޓެކްސީއެއް ހޯދުން ފަދަ ފަސޭހަ ކަމަކަށް ހެދުން ކަމަށް އެ ކުންފުނީގެ ކޯ-ފައުންޑަރ އަދި ސީއީއޯ ޕަވަން ކުމާރު ޗަންދަނާ ވިދާޅުވި ކަމަށް ބީބީސީގެ ރިޕޯޓުގައިވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ސެޓެލައިޓްތައް ޖައްވަށް ފޮނުވުމަށް މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން އިންތިޒާރުކުރަން ޖެހެއެވެ. ނަމަވެސް، ސްކައިރޫޓްގެ ހިދުމަތާއެކު، ކަސްޓަމަރުން ބޭނުންވާ ވަކި އޯބިޓަކަށް ކުދި ސެޓެލައިޓްތައް ފޮނުވުމަށް ހާއްސަ ދަތުރުތައް ހަމަޖެއްސޭނެއެވެ. މިއީ އެމެރިކާގެ ރޮކެޓް ލެބް ފަދަ ކުންފުނިތަކުން ދެމުން އަންނަ ހިދުމަތާ އެއްގޮތް މޮޑެލްއެކެވެ.
އިންޑިއާގެ ޖައްވީ ޕްރޮގްރާމްގެ ބައްޕަ ކަމަށް ބެލެވޭ ވިކްރަމް ސަރާބާއީގެ ނަމުން ނަންދީފައިވާ މި ރޮކެޓަށް 350 ކިލޯގްރާމްގެ ބަރުދަން އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ. 'އާގްމަން' ގެ ނަމުން ނަންދީފައިވާ މި ޓެސްޓް ދަތުރުގައި ޖުމްލަ ހަ ޕޭލޯޑެއް ޖައްވަށް ފޮނުވާފައިވެއެވެ. މީގެ ތެރޭގައި ޖައްވުގައި ހުންނަ ކުނި ނައްތާލުމަށް ބޭނުންކުރާ ރޮބޮޓިކް އަތަކާއި، ދުނިޔެ އޮބްޒާވްކުރާ ކެމެރާއެއްގެ އިތުރުން ޖަރުމަނު ކުންފުންޏެއްގެ ސެޓެލައިޓެއް ހިމެނެއެވެ.
މީގެ އިތުރުން، ރަމްޒީ ގޮތުން ފޮނުވި ދެ އެއްޗެއްވެސް މި ދަތުރުގައި ހިމެނެއެވެ. އެއީ ލެބޯޓަރީގައި އުފައްދާފައިވާ ޖަވާހިރުން ހަދާފައިވާ ލޯޓަސް މަލަކާއި، ރަނުން ހަދާފައިވާ ކުޑަ ރޮކެޓެކެވެ. މި ރޮކެޓުގައި އިންޑިއާގެ މަޝްހޫރު ތިން ސައިންސްވެރިން ކަމަށްވާ ސީވީ ރާމަން، އޭޕީޖޭ އަބްދުލް ކަލާމް އަދި ވިކްރަމް ސަރާބާއީގެ ވަރަށް ކުދި ކުރެހުންތައް ހިމަނާފައިވެއެވެ. ހަނޑޫ ފުކަކަށްވުރެ ކުދި މި ކުރެހުންތަކަކީ އިންޑިއާގެ ޖައްވީ ޕްރޮގްރާމް ބިނާކުރެއްވި ފަރާތްތަކަށް ދިން ޝަރަފެއް ކަމަށް ޗަންދަނާ ވިދާޅުވެފައިވެއެވެ. ކޮސްމޮސް ޑައިމަންޑްސްއިން އުފެއްދި ޖަވާހިރު މަލަކީ ޖައްވަށް ދީފައިވާ ފަންނީ ޓްރިބިއުޓެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސްކައިރޫޓް އުފައްދާފައިވަނީ 2018 ވަނަ އަހަރު، އިސްރޯގައި ކުރިން މަސައްކަތްކުރި ޗަންދަނާ އަދި ނާގަ ބަރަތު ދާކާ ގުޅިގެންނެވެ. އިންޑިއާ ސަރުކާރުން 2020 ވަނަ އަހަރު އަމިއްލަ ކުންފުނިތަކަށް ޖައްވީ ދާއިރާ ހުޅުވާލީ، 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ޖައްވީ ވިޔަފާރީގެ މާކެޓުގައި އިންޑިއާގެ ހިއްސާ މިހާރު އޮތް ދެ އިންސައްތައިން ދިހަ އިންސައްތައަށް އިތުރުކުރުމުގެ މަގުސަދުގައެވެ. އޭގެ ފަހުން އިންޑިއާގައި ޖައްވީ ދާއިރާގެ 400 އަށްވުރެ ގިނަ ސްޓާޓްއަޕް އުފެދިފައިވީ ނަމަވެސް، އެންމެ ކާމިޔާބު ކުންފުންޏަކީ ސްކައިރޫޓެވެ.
ޗަންދަނާ ވިދާޅުވި ގޮތުގައި އެ ކުންފުނީގެ މާކެޓުގެ 70 ނުވަތަ 80 އިންސައްތަ ބިނާވެފައިވަނީ ދުނިޔޭގެ އިގުތިސާދުގެ މައްޗަށެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ކާރިސާތައް މެނޭޖުކުރުމާއި، މުވާސަލާތީ ހިދުމަތްތަކަށް ބޭނުންކުރާ ސެޓެލައިޓްތައް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރު ވިޔަފާރި އުސޫލުން ހިދުމަތް ދޭން ފެށުމުގެ ކުރިން، މިއަހަރުގެ ތެރޭގައި އިތުރު ޓެސްޓް ދަތުރެއް ކުރުމަށް ސްކައިރޫޓުން ވަނީ ރާވާފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި ހައިދަރުއާބާދުގައި ހުންނަ އެ ކުންފުނީގެ ކާރުހާނާގައި މަހަކު އެއް ރޮކެޓް އުފެއްދުމުގެ ގާބިލުކަން މިހާރު އެބަހުއްޓެވެ. އިންޑިއާއިން އަންނަނީ އަންނަ އަހަރު ޖައްވަށް އެސްޓްރޮނޯޓުން ފޮނުވުމަށާއި، 2028 ވަނަ އަހަރު ވީނަސްއަށް އުޅަނދެއް ފޮނުވުމުގެ އިތުރުން 2035 ވަނަ އަހަރު އަމިއްލަ ސްޕޭސް ސްޓޭޝަނެއް ބިނާކުރުމަށް މަސައްކަތް ކުރަމުންނެވެ.
