އާންމު ރައްޔިތުންނަށް މުދާ ވިއްކާ އޮންލައިން މަރުކަޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ރަޝިއާގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ، ވައިލްޑްބެރީސްގެ ދެ ގުދަނަކަށް ޔޫކްރެއިނުން ދިން ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި 8 މީހުން މަރުވެ، 62 މީހުންނަށް އަނިޔާވެއްޖެއެވެ. ރަޝިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް ދީފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.
މި ހަމަލާތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މޮސްކޯގެ އިރުދެކުނުން 475 ކިލޯމީޓަރު ދުރުގައި އޮންނަ ޓަމްބޯވް ސިޓީގައި ހުންނަ ވައިލްޑްބެރީސްގެ ގުދަނަށެވެ. އެ ގުދަނަށް ދިން ހަމަލާގައި 7 މީހުން މަރުވެ، 25 މީހުންނަށް އަނިޔާވެފައި ވެއެވެ. މީގެ އިތުރުން މޮސްކޯ ސަރަހައްދުގެ އެލެކްޓްރޯސްޓާލްގައި ހުންނަ އެ ކުންފުނީގެ އެހެން ގުދަނަކަށް ދިން ހަމަލާއެއްގައި 1 މަރުވެ، 37 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ޔޫކްރެއިންގެ ރައީސް ވްލޮޑިމިއާ ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ރަޝިއާގެ ޑްރޯން އުފެއްދުމަށާއި ނެވިގޭޝަން އާލާތްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު ލޮޖިސްޓިކްސް މަރުކަޒުތަކަކަށެވެ. އަދި މިއީ ޔޫކްރެއިންގެ އާންމު ރައްޔިތުންނާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިއާއިން ދެމުންދާ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބުދަ ދުވަހުގެ ރޭ ރަޝިއާއިން ޔޫކްރެއިނަށް ދިން ހަމަލާތަކެއްގައި 14 މީހުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެމެޒޯންއާ އެއްފަދަ ކުންފުންޏެއްގެ ގޮތުގައި ސިފަކުރެވޭ ވައިލްޑްބެރީސްއަކީ ރަޝިއާގެ ލޮޖިސްޓިކްސްގެ ވަރަށް މުހިންމު ބައެއް ކަމަށް ޔޫކްރެއިނިއަން ސެކިއުރިޓީ އެންޑް ކޯޕަރޭޝަން ސެންޓަރުގެ ޗެއާމަން ސަރްހީ ކުޒާން ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަޝިއާގެ ވޮލަންޓިއަރުން ދަނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ވޯކީޓޯކީ އާއި ބޮޑީ އާމަރ އަދި ޑްރޯންގެ ބައިތައް ފަދަ އަސްކަރީ ސާމާނު ގަންނަމުންނެވެ. އެހެންކަމުން، މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ރަޝިއާގެ ސިފައިންނަށް ބޭނުންވާ މުދާ ފޯރުކޮށްދިނުމުގެ ވިއުގަ ހަލާކުކޮށްލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ހަމަލާތަކާ ގުޅިގެން ޓަމްބޯވް ސަރަހައްދުގެ ގަވަރުނަރު އެވްގެނީ ޕަރވިޝޯވް ޓެލެގްރާމްގައި ވިދާޅުވީ، މަރުވި ހަތް މީހުންނަކީ ރޭގަނޑުގެ ޑިއުޓީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ކަމަށެވެ. އަދި މިއީ އެ ސަރަހައްދަށް މިހާތަނަށް ދިން އެންމެ ބޮޑު އަދި އެންމެ ލާއިންސާނީ ހަމަލާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، މޮސްކޯ ސަރަހައްދުގެ ގަވަރުނަރު އަންދްރޭ ވޮރޮބްޔޯވް ވިދާޅުވި ގޮތުގައި، އެލެކްޓްރޯސްޓާލްގައި އަނިޔާވި މީހުންގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސްއެވެ. ރޭގަނޑުގެ ވަގުތުގައި އެ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި 48 ޑްރޯން ވައްޓާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގުދަންތަކުގެ އިތުރުން، ރަޝިއާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށްވެސް ޑްރޯން ހަމަލާއެއް އަރާފައިވާ ކަމަށާއި، އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެތަނަށް ކަމަށް މޮސްކޯގެ ގަވަރުނަރު ފާހަގަކުރެއްވިއެވެ. ޔޫކްރެއިނުން ދަނީ ރަޝިއާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތައް އިތުރުކުރަމުންނެވެ. މި ހަމަލާތަކުގެ ސަބަބުން ރަޝިއާއަށް ތެލުގެ ދަތިކަން ކުރިމަތިވެފައިވާކަން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ މިދިޔަ ޖޫން މަހު ގަބޫލުފުޅުކުރައްވާފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެތެރޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދިނުން އިތުރުކުރުމާ ބެހޭ ބިލެއްގައި ޖުލައި މަހުގެ ކުރީކޮޅު ޕޫޓިން ވަނީ ސޮއިކުރައްވާފައެވެ.
