ބޮޑުމިނުގައި 1.2 ކިލޯގްރާމާއި 1.5 ކިލޯގްރާމާ ދެމެދު ހުންނަ އިންސާނާގެ ސިކުނޑިއަކީ އިންތިހާއަށް އޮޅުންބޮޅުން ބޮޑު ގުނަވަނެކެވެ. ވޭތުވެދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި، ސައިންސްވެރިން މި ގުނަވަން ދިރާސާކުރަމުން އައީ ކުރީ ޒަމާނުގެ މީހުން ނޭނގޭ ބިންތަކުގެ ޗާޓު ކުރަހަމުން އައި އުސޫލުންނެވެ. އެކި ދިމަދިމާލުން ފެންނަ ކުދިކުދި މަންޒަރުތައް ގުޅުވައިގެންނެވެ. ހާވާޑް މެޑިކަލް ސްކޫލް އަދި ނިއުޔޯކް ޔުނިވާސިޓީއާ ގުޅިގެން މަސައްކަތްކުރައްވާ ނިއުރޯޕެތޮލޮޖިސްޓް ރެބެކާ ފޯލްކާރތް ވިދާޅުވި ގޮތުގައި، އޭނާގެ މަސައްކަތް ފައްޓަވަނީ މުޅި ސިކުނޑި ހަމަލޮލަށް ބަލައިގެންނެވެ. އޭގެ ފަހުން މައިކްރޯސްކޯޕްގެ ދަށުން ކުދިކުދި އެތިކޮޅުތައް ބައްލަވައެވެ. އަލްޒައިމާސް ފަދަ ބަލިތައް ދެނެގަތުމަށްޓަކައި 86 ބިލިއަން ނިއުރޯން އެކުލެވޭ މި ބޮޑު ގުނަވަނުން ބަލައިލެވެނީ އެންމެ 15 ނުވަތަ 20 ވަރަކަށް ސެކްޝަނެވެ. މިއީ މުޅި ގުނަވަނުގެ އެންމެ އިންސައްތައަކަށް ވުރެ ވެސް ކުޑަ މިންވަރެކެވެ.
މިކަމުގެ ސަބަބުން ސިކުނޑީގެ ބޮޑު ބައެއް އޮންނަނީ ނުފެނިއެވެ. ނަމަވެސް އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، މަދްރާސް (އައިއައިޓީ-އެމް) ގައި ގާއިމުކޮށްފައިވާ ސުދާ ގޯޕާލަކްރިޝްނަން ބްރެއިން ސެންޓަރު (އެސްޖީބީސީ) ގެ ސައިންސްވެރިން މިވަނީ ނިއުރޯސައިންސްގެ ދާއިރާގައި އޮތް އެންމެ ބޮޑު އެއް ހުސްކަން ފޫބެއްދުމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މަރުކަޒުގެ ސައިންސްވެރިން ވަނީ އިންސާނާގެ ސިކުނޑީގެ 'ބްރެއިންސްޓެމް' ގެ އެންމެ ތަފުސީލު ތްރީޑީ ޗާޓު ތައްޔާރުކޮށްފައެވެ. ސެލްތަކުގެ ފެންވަރުގައި ތައްޔާރުކޮށްފައިވާ މި ޑިޖިޓަލް ޗާޓުގެ އެހީގައި، މުޅި ސިކުނޑީގެ އެމްއާރްއައި ސްކޭނަކުން ފެށިގެން ގޮސް ވަކިވަކި ނާރު ސެލްތަކާ ހަމައަށް ސައިންސްވެރިންނަށް ފަސޭހަކަމާއެކު ދަތުރުކޮށްލެވޭނެއެވެ.
“އެންކާ” ގެ ނަމުން ނަންދީފައިވާ މި ޗާޓަކީ ތުއްތު ކުދިންނާއި، ކުޑަކުދިން އަދި ބޮޑެތި މީހުންގެ ސިކުނޑީގެ 500 އަށްވުރެ ގިނަ ޓިޝޫ ސެކްޝަންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ. އަގުބޮޑު މޮލިކިއުލާ ޓެކްނޮލޮޖީގެ ބަދަލުގައި، މަތީ ފެންވަރުގެ މައިކްރޯސްކޯޕް މަންޒަރުތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ޗާޓުން، ސިކުނޑީގެ ސެލްތަކާއި ނާރުތަކުގެ 200 އަށްވުރެ ގިނަ ކްލަސްޓަރ ދެނެގަނެވެއެވެ. އަދި 8 ވައްތަރެއްގެ ކެމިކަލް މާކަރ ބޭނުންކޮށްގެން ތަފާތު ސެލްތައް ވަކިކުރަން އެނގެއެވެ. މިއީ ސިކުނޑީގެ މި މުހިންމު، ނަމަވެސް އެންމެ ކުޑަކޮށް ދެނެގަނެވިފައިވާ ބައިގެ އެންމެ ސާފު އެއް މަންޒަރެވެ.
ބްރެއިންސްޓެމް އަކީ ސިކުނޑީގެ ވަރަށް ކުޑަ މިންވަރެއް ނަމަވެސް، މިއީ އިންސާނާ ދިރިހުރުމަށް އެންމެ މުހިންމު އެއް ބަޔެވެ. ސިކުނޑިއާއި މައިބަދައިގެ ނާރުތައް ގުޅުވައިދޭ މި ބައިން، ނޭވާލުމާއި، ހިތުގެ ވިންދު ޖެހުމާއި، ނިދުމާއި، ހޭލާ ހުރުމުގެ އިތުރުން ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލްކުރެއެވެ. މިތަނުގައި ހިމެނޭ ވަރަށް ކުޑަ ސެލް ކްލަސްޓަރަކަށް ލިބޭ ގެއްލުމަކުން ވެސް ފުރާނައަށް ނުރައްކާވެދާނެއެވެ. ނަމަވެސް މި ސަރަހައްދުގައި ސެލްތައް އެތުރިފައިވާ ގޮތުގެ ސަބަބުން، މީގެ ކުރިން މި ބައިގެ ތަފުސީލު ޗާޓެއް ކުރެހުމަކީ ސައިންސްވެރިންނަށް ވަރަށް އުނދަގޫ ކަމަކަށް އޮތީ ވެފައެވެ.
އެންކާ ޗާޓުގެ މުހިންމުކަން ގުޅިފައިވަނީ ހަމައެކަނި އެނަޓޮމިކަލް ޗާޓެއް އުފެއްދުމަކާ ނޫނެވެ. އޭގެ ބަދަލުގައި، މިއީ މުޅި ސިކުނޑި ދައްކައިދޭ މެޑިކަލް އިމޭޖިންގ އާއި، ވަކިވަކި ސެލްތައް ދައްކައިދޭ ސެލިއުލަރ ޕެތޮލޮޖީ ގުޅުވައިދޭ ފާލަމެކެވެ. ޓާޓާ އިންސްޓިޓިއުޓް އޮފް ފަންޑަމެންޓަލް ރިސާޗްގެ އިންޑިއާ ނިއުރޯސައިންޓިސްޓް ޝުބާ ޓޯލޭ ވިދާޅުވި ގޮތުގައި، މިއީ އިންޑިއާ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ އުއްމީދީ މަޝްރޫއެކެވެ. އަދި މިއީ އިންޖިނިއަރިންގ، ނިއުރޯސައިންސް އަދި ބޭސްވެރިކަން މީގެ ކުރިން ނުދެކޭ ފަދަ ގޮތަކަށް ގުޅުވާލަދިން މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިއުރޯޕެތޮލޮޖިސްޓް ފޯލްކާރތް ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާގެ މަރުކަޒުން އުފައްދާފައިވާ މި ޗާޓަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އެއީ ސިކުނޑީގެ ސްކޭންތަކާއި މައިކްރޯސްކޯޕުން ފެންނަ މަންޒަރުތައް ދިމާކުރުމެވެ. މި ޗާޓު މިހާރު ވަނީ އޮންލައިންކޮށް ހިލޭ ލިބޭނެހެން އާންމުކޮށްފައެވެ. މީގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިއުރޯސައިންޓިސްޓުންނާއި ނިއުރޯލޮޖިސްޓުންނަށް މިއީ ރެފަރެންސް ޓޫލްއަކަށް ހެދުމެވެ.
މި ޗާޓުގެ ބޭނުން ހަމައެކަނި އެނަޓޮމީ ދެނެގަތުމަށްވުރެ ފުޅާވާނެ ކަމަށް ބެލެވެއެވެ. ސިއްހަތު ސަލާމަތުން ހުރި މީހެއްގެ ބްރެއިންސްޓެމްއާއި ބަލި މީހެއްގެ ޓިޝޫ އަޅައިކިޔައިގެން، ޕާކިންސަންސް، ސްޓްރޯކް އަދި އަލްޒައިމާސް ފަދަ ބަލިތައް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. ނިއުޔޯކްގެ ކޯލްޑް ސްޕްރިންގ ހާބަރ ލެބޯރެޓަރީގެ ސައިންސްވެރިޔާ ޕާތާ މިތުރާ ވިދާޅުވި ގޮތުގައި، މިފަދަ ތަފުސީލު ޗާޓުތަކުގެ ސަބަބުން ނިއުރޯލޮޖިކަލް ބަލިތައް ދިރާސާކުރުމަށް ބޮޑު އިންގިލާބެއް އަންނާނެއެވެ. އަދި ކޮވިޑް-19 ފަދަ ބަލިތަކުގެ ސަބަބުން ސިކުނޑިއަށް ދިގުމުއްދަތުގެ ގެއްލުންތައް ލިބެނީ ކިހިނެއްކަން ދެނެގަތުމަށް ވެސް މީގެ އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބޮޑު ކާމިޔާބީގެ ފަހަތުގައި ވަނީ ބޮޑު ޓީމެއްގެ ބުރަ މަސައްކަތެވެ. އެސްޖީބީސީގެ 20 ވަރަކަށް ސައިންސްވެރިން ވަނީ 18 މަސްދުވަސް ވަންދެން 200 އަށްވުރެ ގިނަ ސިކުނޑީގެ ސެކްޝަންތައް އަމިއްލައަށް ތަހުލީލުކޮށްފައެވެ. އެ މަރުކަޒުގެ އިސްވެރިޔާ މޯހަނަސަންކަރް ޝިވަޕްރަކާސަމް ވިދާޅުވި ގޮތުގައި، އިންސާނުންގެ ސިކުނޑީގެ ޓިޝޫތައް ލިބެން ހުންނަލެއް މަދުކަމުން، އެހެން ޖަނަވާރުތަކާ އަޅައިބަލާއިރު އިންސާނާގެ ސިކުނޑީގެ ޗާޓުތައް ހެދިފައިވަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް އެސްޖީބީސީން މިހާރު ރާވާފައިވަނީ އުމުރުގެ އެކި ހަރުފަތްތަކުގައާއި އެކި ބަލިތައް ތަހައްމަލުކުރަމުންދާ 100 އަށްވުރެ ގިނަ މީހުންގެ މުޅި ސިކުނޑި ސްކޭންކޮށް، ބަލިތަކުގެ ސަބަބުން ސެލްތަކަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ ރެފަރެންސް ލައިބްރަރީއެއް އެކުލަވާލުމަށެވެ. ފޯލްކާރތް ފާހަގަކުރެއްވި ގޮތުގައި ކޮންމެ ސިކުނޑިއަކީ ވެސް އާ މައުލޫމާތުތަކެއް އެކުލެވިގެންވާ ހަޒާނާއެކެވެ. މި އާ ޗާޓުގެ ސަބަބުން ސިކުނޑީގެ ހުރިހާ ސިއްރެއް ހޯދިގެން ނުދިޔަ ނަމަވެސް، މިއީ ސައިންސްވެރިންނަށް އިތުރު ފުރިހަމަ ސުވާލުތަކެއް އުފައްދައި، އޭގެ ޖަވާބު ހޯދުމަށް ކޮށައިދެވުނު އާ މަގެކެވެ.
