އަނެއްކާވެސް ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ދިޔައީ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންނެވެ.
މި ބައްޔާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ 55 ކޭސް މާލޭ ސަރަހައްދުން ފެނި، މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާ ކަމަށެވެ.
އެޗްޕީއޭއިން އާންމުކުރި މައުލޫމާތުން އިނގޭ ގޮތުގައި މިހާތަނަށް 5،495 މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. ހިމަބިހީގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާކަން ޔަގީން ނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންދޭ މަރުކަޒުތަކަށް ގޮސް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައިވާއިރު ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަސް ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ވެކްސިން ޖަހަން ކަނޑައެޅިފައިވާ ވަގުތުގައި ވެކްސިން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަދި އަތޮޅުތަކާއި ރަށްތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ގަޑިތަކެއްގައި ވެސް ވެކްސިން ހިދުމަތް ލިބޭނެ އިންތިޒާމްވެސް ހަމަަޖައްސާފައި ވެއެވެ.
އެގޮތުން އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްދާއިރު، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭ އިން ދަނީ ތައްޔާރުވަމުންނެވެ.
ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ "މީސްލްސް"ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
