މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑް (މަންޓާ އެއާ) ގެ މުވައްޒަފުންގެ މުސާރަ ކުޑަކުރި މައްސަލައިގައި ބޮޑު ހަޅުތާލެއް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، މުވައްޒަފުންގެ ޑިމާންޑުތަކަށް އެ ކުންފުނިން އެއްބަސްވެ، މުސާރަ އިޔާދަކޮށްދޭން ނިންމައިފިއެވެ.

މުވައްޒަފުންގެ ފަރާތުން "އެކު" މޯލްޑިވްސް އީ-ޕެޓިޝަން މެދުވެރިކޮށް މި މަހުގެ 1 ވަނަ ދުވަހު ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، ޑިމާންޑުތަކަށް ހައްލެއް ނުލިބިއްޖެނަމަ މާދަމާ ހެނދުނު 6:00 އިން ފެށިގެން މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރާނެ ކަމަށެވެ. ނަމަވެސް، ހަޅުތާލު ފެށުމުގެ ކުރިން މަންޓާ އެއާއިން ވަނީ މުވައްޒަފުންގެ ޝަރުތުތަކަށް އަމާންދީފައެވެ.

މުވައްޒަފުން ކޮށްފައިވާ މައިގަނޑު ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ ޖުލައި މަހުން ފެށިގެން ހުރިހާ މުވައްޒަފުންގެ މުސާރަ ކުރިން އޮތް ގޮތަށް ޑޮލަރުން ދޭން ފެށުން، މެއި އަދި ޖޫން މަހުގެ މުސާރައިން އުނިކުރި ބައި އެއްކޮށް އަނބުރާ ދިނުމެވެ. އަދި މުސާރައިގެ ކުރިއެރުމާ އެހެނިހެން އިނާޔަތްތައް އަލުން އިއާދަކުރުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން މުވައްޒަފުންގެ ސިއްހީ އިންޝުއަރެންސްގެ ނިޒާމު އިތުރަށް ރަނގަޅުކުރުމަށް ހުށަހަޅާފައިވާއިރު ހަޅުތާލުގައި ބައިވެރިވާ އެއްވެސް މުވައްޒަފަކާ މެދު ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން ލިޔުމަކުން ދިނުމަށް ވަނީ އެދިފައެވެ. އަދި މުސާރައިގެ ކުރިއެރުމާ އެހެނިހެން އިނާޔަތްތައް އަލުން އިއާދަކުރުމަށް ވަނީ ހުށަހަޅާފައެވެ.

"އޭވިއޭޓާސް މޯލްޑިވްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަންޓާ އެއާއިން ވަނީ މުސާރަ ކުޑަކުރުމުގެ ކުރިން އޮތް މިންވަރަށް ބަދަލުކުރުމަށާ، މޭއި މަހުން ފެށިގެން ކަނޑާލި ބައި ވެސް މުވައްޒަފުންނަށް އަނބުރާ ދިނުމަށް އެއްބަސްވެފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި މުސާރައަށް އެއްވެސް ބަދަލެއް ގެންނަނަމަ، ކުރިއާލާ އެކަން އަންގައި، ދެފަރާތުގެ މެދުގައި މަޝްވަރާކޮށްގެން އެއްބަސްވާ ގޮތަކަށް ކުރިއަށްދާން ވެސް ކުންފުނިން ވަނީ ނިންމާފައެވެ.

މުސާރަ އޮޕަރޭޝަނަލް މަސައްކަތްތައް ބުރަކޮށް ކުރަންޖެހުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި އުފެދެމުންދިޔަ ހިތްހަމަނުޖެހުންތައް ދިޔައީ ފާޅުކުރަމުންނެވެ