ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ބޮޑު އިންސައްތައެއް 2028 ވަނަ އަހަރުގެ މެދާ ހިސާބަށް ދާއިރު ނިންމުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، މި ދައުރުގެ ތެރޭގައި އެ މަޝްރޫއުތައް އެއްކޮށް ނިންމާލުމަށްމަސައްކަތް ކުރަމުންދާ ކަމަށާއި، މި އަހަރުގެ ތެރޭގައި ވެސް އަމަލީ މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށެވެ.

"މީގެކުރިން އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް އެ ދައުރުގެ ތެރޭގައި ނިންމިފައި ނުވޭ. އަޅުގަނޑުމެންގެ އަމާޒަކީ އެކަން ބަދަލުކޮށް، މި ދައުރުގެ ތެރޭގައި މަސައްކަތްތައް ނިންމާލުން." ރައީސުލްޖުމްހޫރިއްޔާ

އެގޮތުން ޗައިނާ އަދި އިންޑިއާ ސަރުކާރާއެކު އޮތް ގުޅުމުގެ ތެރެއިން އިތުރު ހައުސިން މަޝްރޫއުތަކެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ 13 ރަށެއްގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އެޑްވާންސް ފައިސާ ބީއެމްއެލް ފައިނޭންސިންގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ބިންގާ އަޅާފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަޑުޖެހިފައިވާ ކުޅުދުއްފުށީ ސިޓީގެ މަޝްރޫއަށް އަލިއަޅުއްވަމުން ރައީސް ވިދާޅުވީ އަތޮޅުތެރޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުގެ ދަށުން، އެ ސިޓީގައި އިމާރާތްކުރާ 400 ހައުސިން ޔުނިޓުގެ އެގްރީމެންޓް މި ހަފްތާގެ ތެރޭގައި ފައިނަލް ކުރެވޭނެކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެކި ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ގޯއްޗާއި ގެދޮރުގެ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަނެއްކާވެސް ތަކުރާރު ކުރައްވާފައެވެ.