ރޭގަނޑުގެ ވަގުތެއްގައި ޔޫކްރައިނުން ފޮނުވާލި 660 ޑްރޯން ވައްޓާލާފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ މިއީ ޔޫކްރައިނުން ދުރު ރާސްތާއަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ. މި ހަމަލާތަކުގައި ރަޝިއާގެ 13 ސަރަހައްދަކަށް އަމާޒުކޮށްފައި ވާއިރު، އޭގެ ތެރޭގައި ވެރިރަށް މޮސްކޯއާއި، ކްރައިމިއާގެ އިތުރުން ކަޅު ކަނޑާއި އަޒޯވް ކަނޑުގެ ސަރަހައްދުތައް ހިމެނެއެވެ.
މޮސްކޯއާ 180 ކިލޯމީޓަރު ދުރުގައި އޮންނަ ޓޫލާ ސަރަހައްދަށް ދިން ވަރުގަދަ ހަމަލާއެއްގައި ގެއަކަށް ގެއްލުންވެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ޑްމިޓްރީ މިލްޔައޭވް ވިދާޅުވިއެވެ. މީގެ އިތުރުން، މޮސްކޯއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ނޮވޮމޮސްކޮވްސްކްގައި ހުންނަ ސިނާއީ މަރުކަޒަކަށްވެސް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިއާގެ މީޑިއާއެއް ކަމަށްވާ “އަސްޓްރާ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ “އަޒޮޓް” ކާރުހާނާއެވެ. ޔޫކްރައިނުގެ ރައީސް ވުލަޑިމިއާ ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި އެ ކާރުހާނާއަކީ ރަޝިއާއިން ގޮވާތަކެތި އުފެއްދުމަށް ބޭނުންކުރާ މުހިންމު ތަނެކެވެ.
ޔޫކްރައިނުން ރަޝިއާގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ވަރުގަދަކުރަމުން ދަނީ ރަޝިއާގެ އިގުތިސާދަށް ގެއްލުން ދިނުމުގެ ބޭނުމުގައެވެ. މި ހަމަލާތަކުގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެ، ރަޝިއާ ސިފައިންނަށް ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހުރަސްއެޅިފައެވެ. ކްރައިމިއާއަށް އަމާޒުކޮށް ދެމުންދާ ޑްރޯން ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގައި ހުކުރު ދުވަހު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ރަޝިއާއިން ކްރައިމިއާއަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރު ސަރްގޭ އަކްސްޔޮނޯވް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، އެ ސަރަހައްދު ފުރިހަމައަށް ހިމާޔަތްކުރުމަށް ރަޝިއާ ސިފައިންނަށް ވަނީ ނުކުޅެދިފައެވެ. އަދި ދުނިޔޭގައި އެއްވެސް ވައިގެ ދިފާއީ ނިޒާމަކީ ސައްތައިން ސައްތަ ފުރިހަމަ ނިޒާމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަޝިއާގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ދަތިވެފައިވާ މި ދަނޑިވަޅުގައި، އަވަށްޓެރި ބެލަރޫސްގެ އެހީތެރިކަން ހޯދަން މޮސްކޯއިން މަސައްކަތްކުރަމުންދާ ކަމަށް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައެވެ. ބުރާސްފަތި ދުވަހު ޒެލެންސްކީ ވިދާޅުވީ، ރަޝިއާގެ ނުފޫޒާއެކު ޔޫކްރައިން ބޯޑަރު ކައިރީގައި ބެލަރޫސްއިން އަސްކަރީ ބޭނުމަށް އުމްރާނީ ތަރައްގީގެ މަސައްކަތްތަކާއި ގުދަންތައް ހަދަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެމެރިކާގެ މީޑިއާތަކުންވެސް ވަނީ، ޔޫކްރައިނަށް ހަމަލާދިނުމަށް ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ރަޝިއާއިން މާލީ ގޮތުން ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ.
ނަމަވެސް، ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޯވް ވަނީ އެ ރިޕޯޓުތައް ދޮގުކުރައްވައި، އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުހަޝެންކޯ ބުރާސްފަތި ދުވަހު ވިދާޅުވީ، ހަނގުރާމައިގެ ތެރެއަށް ބެލަރޫސް ވެއްދުމަށް ޔޫކްރައިނުން މަސައްކަތް ނުކުރުމަށް އިންޒާރުދެއްވާފައި ވާނެ ކަމަށެވެ. އަދި ޔޫކްރައިނާ ދެކޮޅަށް ހަނގުރާމަކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، ބޭނުންވަނީ އެއްބަސްވުމަކަށް އައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
2022 ވަނަ އަހަރު ރަޝިއާއިން ޔޫކްރައިނަށް އެރުމަށް ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ހުއްދަ ދީފައިވީ ނަމަވެސް، ލުހަޝެންކޯ މިހާތަނަށް ބެލަރޫސްގެ ސިފައިން ހަނގުރާމައަށް ފޮނުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ރަޝިއާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސްގައި ބެހެއްޓުމަށް ހުއްދަދީ، ދެ ގައުމު ގުޅިގެން ގިނަ އަސްކަރީ ތަމްރީނުތަކެއް ދަނީ ބާއްވަމުންނެވެ.
