އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމާ ގުޅިގެން، އެ ގައުމަށް ލިބިދާނެ އިގުތިސާދީ އަދި ސަރަހައްދީ ފައިދާތަކާމެދު މަޝްވަރާތައް ފެށިއްޖެއެވެ. ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުން ވަނީ އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށްގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އިސްލާމްއާބާދުގައި މަޝްވަރާތައް ބޭއްވުމާއި، އީރާނަށް ދަތުރުފަތުރުކުރުމުގެ މަގުތައް ހުޅުވާލުމުގެ ސިޔާސީ ނުރައްކާތައް މެނޭޖުކުރުން ހިމެނެއެވެ.
ޖޫން 18 ވަނަ ދުވަހު އެއްބަސްވެވުނު ސުލްހައިގެ އޮނިގަނޑުގެ ދަށުން މިހާރު 60 ދުވަހުގެ މަޝްވަރާތައް ކުރިއަށްދާއިރު، މިއީ ޕާކިސްތާނުގެ މަސައްކަތުގެ ނަތީޖާ ކަމަށް ބެލެވެއެވެ. މިދިޔަ ހަފުތާބަންދުގައި ސްވިޓްޒަލޭންޑުގެ ބަރގަންސްޓޮކްގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އަދި ގަތަރުގެ ބޮޑުވަޒީރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އާލް ސާނީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ ނައިބު ރައީސް ވެންސް ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ. ވެންސް ވިދާޅުވި ގޮތުގައި، އާސިމް މުނީރުގެ އަސްކަރީ އަދި ސިޔާސީ ލީޑަޝިޕް ނެތްނަމަ މި ހިސާބަށް ނާދެވުނީހެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ މީގެ ކުރިން އާސިމް މުނީރަށް ތާރީފުކުރައްވާފައި ކަމަށް އަލްޖަޒީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޕާކިސްތާނުގެ މި މަސައްކަތަށް އީރާނުންވެސް ވަނީ ޝުކުރު އަދާކޮށްފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާއަށްފަހު، އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ހޯމަ ދުވަހު ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އެމެރިކާ އާއި އީރާނު މަޝްވަރާގެ މޭޒަށް ގެނައުމަށް ޕާކިސްތާނުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރެއްވުމެވެ.
ޕާކިސްތާނުން މި މެދުވެރިއެއްގެ ދައުރު އަދާކުރުމުން އެ ގައުމުގެ ނާޒުކު އިގުތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވެއެވެ. ފާއިތުވި މާލީ އަހަރު ޕާކިސްތާނުގެ އިގުތިސާދީ ދުވެލި 3.7 އިންސައްތައިގައި ހުރިއިރު، މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ކުރިއަރައިގެން ދިޔަ ފަހަރެވެ. އަދި ރެމިޓެންސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 30.3 ބިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ފާސްކޮށްފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ 7 ބިލިއަން ޑޮލަރުގެ ލޯނު ޕްރޮގްރާމެއްގައިވެސް ޕާކިސްތާނުން ދަނީ ބައިވެރިވަމުންނެވެ. މިއީ 1950 ގެ އަހަރުތަކުން ފެށިގެން އައިއެމްއެފްއާއެކު ޕާކިސްތާނުން ހެދި 25 ވަނަ އެއްބަސްވުމެވެ.
ނަމަވެސް، އިންޓަނޭޝަނަލް ގްރޯތު ސެންޓަރުގެ އިގުތިސާދީ ތަޖުރިބާކާރެއް ކަމަށްވާ ހިނާ ޝައިހް ވިދާޅުވި ގޮތުގައި، ޕާކިސްތާނުގެ މި މަސައްކަތުން ލިބޭނެ އިގުތިސާދީ ފައިދާ ކުޑަވުން އެކަށީގެންވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މައިގަނޑު ގޮތެއްގައި ފައިދާ ކުރާނީ ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމުން ހަކަތަ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަވުމުންނާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބިއްޖެނަމަ އީރާނާއި ޕާކިސްތާނާ ދެމެދު އަޅަން ނިންމާފައިވާ ގޭސް ހޮޅީގެ މަސައްކަތް އަލުން ފެށުމުންނެވެ. އަދި ފަހަކަށް އައިސް އިގުތިސާދަށް އައި ކުރިއެރުމަކީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލާއި ގޭސް އެތެރެކުރުން މަދުވުމުގެ ނަތީޖާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރަހައްދީ ގޮތުން ބަލާއިރު، ޕާކިސްތާނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ކިންގް ފައިސަލް ސެންޓަރ ފޯރ އިސްލާމިކް ރިސަރޗް އެންޑް ސްޓަޑީޒްގެ ތަޖުރިބާކާރެއް ކަމަށްވާ އުމަރު ކަރީމް ވިދާޅުވި ގޮތުގައި، ޕާކިސްތާނުން މި މައްސަލައިގެ ތެރެއަށް ވަނީ ޓްރަމްޕްގެ ސަރުކާރުން އެހެން އެއްވެސް މެދުވެރިއަކަށް އިތުބާރު ނުކުރާ ދަނޑިވަޅެއްގައެވެ. ޕާކިސްތާނުން ވަނީ އީރާނަށް ގަބޫލުކުރެވޭ ފަރާތެއްގެ ގޮތުގައި އޮވެ، މިސްރާއި، ތުރުކީ އަދި ސައުދީ އަރަބިއްޔާއާ ގުޅިގެން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް، އީރާނަށް ނުވަތަ އެމެރިކާއަށް ވަކި ގޮތަކަށް އަމަލުކުރުމަށް މަޖުބޫރުކުރުމުގެ ބާރު ޕާކިސްތާނަށް އަދި ލިބިފައިނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޑިޕްލޮމެޓިކް މަސައްކަތުގެ އެންމެ ބޮޑު ފައިދާއެއް ފެންނަ ފެނުމުގައި ކުރަނީ ޕާކިސްތާނުގެ އަސްކަރިއްޔާއަށެވެ. ޕާކިސްތާނުގެ 80 އަހަރުގެ ތާރީހުގެ ތެރެއިން 30 އަށްވުރެ ގިނަ އަހަރު ގައުމު ހިންގާފައިވަނީ އަސްކަރިއްޔާއިންނެވެ. އިސްލާމްއާބާދުގައި ހުންނަވާ ދިފާއީ ތަޖުރިބާކާރެއް ކަމަށްވާ ރިޓަޔަރޑް ބްރިގޭޑިއަރ ތުގްރަލް ޔާމީން ވިދާޅުވި ގޮތުގައި، މިކަމުގެ ހަގީގީ އިމްތިހާނަކީ ލިބޭ އިގުތިސާދީ ފައިދާތައް ޕާކިސްތާނުގެ އެންމެ ފަގީރު ޕްރޮވިންސް ކަމަށްވާ ބަލޫޗިސްތާނުގެ ރައްޔިތުންނާ ހަމައަށް ފޯރުންތޯ ބެލުމެވެ. ފާއިތުވި ވިހި އަހަރަށްވުރެ ގިނަ ދުވަހު ހަތިޔާރުއެޅި ޖަމާއަތްތަކުން ހަރަކާތްތެރިވަމުންދާ ބަލޫޗިސްތާނުގެ ރައްޔިތުންނަށް މި ފައިދާތައް ލިބިއްޖެނަމަ، ޓެރަރިޒަމްގެ މައްސަލަ ހައްލުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
