އެމެރިކާ ފަހަތަށް ޖައްސައިލުމަށްފަހު، ދުނިޔޭގެ އެންމެ ބާރުގަދަ ސުޕަކޮމްޕިއުޓަރުގެ މަގާމު ޗައިނާއިން ހޯދައިފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާގެ "ލައިންޝައިން" ސުޕަކޮމްޕިއުޓަރު ވަނީ އެމެރިކާގެ "އެލް ކެޕިޓަން" އަށް ވުރެ ބޮޑުތަނުން ކުރި ހޯދައިފައެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ ރޮނގުން އެމެރިކާއާ ވާދަކުރުމަށް ޗައިނާއިން ހޯދަމުން އަންނަ ކުރިއެރުންތައް ދައްކައިދޭ ކަމެކެވެ.
ޖަރުމަނުވިލާތުގެ ހެމްބާގްގައި އަންގާރަ ދުވަހު އާންމުކުރި "ޓޮޕް500" ލިސްޓުން ދައްކާ ގޮތުގައި، ޗައިނާގެ ޝެންޒެންގައި ހުންނަ ނޭޝަނަލް ސުޕަކޮމްޕިއުޓިން ސެންޓަރުގައި ގާއިމުކޮށްފައިވާ ލައިންޝައިންގެ ސްޕީޑަކީ 2.198 އެކްސަފްލޮޕްސްއެވެ. މިއީ ސިކުންތެއްގެ ތެރޭގައި ދެ ކުއިންޓިލިއަން ކަލްކިއުލޭޝަން ހެދުމުގެ ގާބިލުކަމެވެ. މި ނަތީޖާއާއެކު، ލައިންޝައިން ވަނީ އެމެރިކާގެ އެލް ކެޕިޓަންއަށް ވުރެ 20 އިންސައްތަ ކުރި ހޯދައިފައެވެ.
މިއީ 2017 ވަނަ އަހަރަށްފަހު ޗައިނާގެ ސިސްޓަމަކުން މި ލިސްޓުގެ އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ. ކެލިފޯނިއާގެ ލޯރެންސް ލިވަމޯ ނޭޝަނަލް ލެބޯޓަރީގައި ހުންނަ އެލް ކެޕިޓަންއަކީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ދުނިޔޭގެ އެންމެ ބާރުގަދަ ސުޕަކޮމްޕިއުޓަރުގެ ގޮތުގައި އޮތް ސިސްޓަމެވެ. މި ލިސްޓުގެ ތިންވަނައިގައި އެމެރިކާގެ "ފްރޮންޓިއާ" އޮތްއިރު، ހަތަރުވަނައިގައި އޮތީ އެމެރިކާގެ "އަރޯރާ" އެވެ. އަދި ފަސްވަނަ ލިބުނީ ޖަރުމަނުވިލާތުގެ "ޖުޕިޓާ" އަށެވެ. ގަދަ 20 ގައި ހިމެނޭ އެހެން ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ، އިޓަލީ، ނެދަލޭންޑްސް އަދި ސްވިޓްޒަލޭންޑް ހިމެނެއެވެ.
ލައިންޝައިންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، އެހެން ސުޕަކޮމްޕިއުޓަރުތަކާ ހިލާފަށް، އެ ސިސްޓަމް މުޅިންވެސް ސެންޓްރަލް ޕްރޮސެސިން ޔުނިޓް (ސީޕީޔޫ) ބޭނުންކޮށްގެން މަސައްކަތްކުރުމެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތައް ހިންގުމަށް އާންމުކޮށް ބޭނުންކުރާ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) އާ ނުލައި، ދެ އެކްސަފްލޮޕްސްއަށް ވުރެ މަތީގެ ސްޕީޑެއް ހޯދި ފުރަތަމަ ސިސްޓަމަކީ ވެސް ލައިންޝައިން ކަމަށް ޓޮޕް500 ލިސްޓުގައި ބުނެފައިވެއެވެ.
މި ލިސްޓު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ، ޔުނިވާސިޓީ އޮފް ޓެނެސީގެ ޕްރޮފެސަރު ޖެކް ޑޮންގާރާ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، އެމެރިކާއިން އެންމެ ފެންވަރު ރަނގަޅު ޗިޕްތައް ޗައިނާއަށް އެކްސްޕޯޓުކުރުން ހިފަހައްޓައިފައި އޮތް ނަމަވެސް، ލައިންޝައިންގެ ނަތީޖާއިން ދައްކައިދެނީ ޗައިނާގެ އަމިއްލަ ގާބިލުކަން ހުރި މިންވަރެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެކްސްޕޯޓު ކޮންޓްރޯލްތަކުގެ ސަބަބުން ޗައިނާއަށް ބައެއް ތަކެތި ލިބުން ލަސްވި ނަމަވެސް، އޭގެ ސަބަބުން އަމިއްލަ އުފެއްދުންތައް ތަރައްގީކުރުމަށް ޗައިނާއަށް ބާރު ލިބެއެވެ.
ކޮމްޕިއުޓިން ދާއިރާގެ ކޮންސަލްޓެންސީ ކުންފުންޏެއް ކަމަށްވާ އިންޓަސެކްޓް360 ރިސާޗްގެ ކޯ-ފައުންޑަރު އެޑިސަން ސްނެލް ވިދާޅުވި ގޮތުގައި، ޗައިނާއިން އެއްވަނަ ހޯދުމަކީ އެމެރިކާއާއި ޔޫރަޕް އަދި ޖަޕާނަށް ވެސް އޭގެ އަސަރުކުރާނެ ކަމެކެވެ. ޓެކްނޮލޮޖީގެ ގޮތުން އަދިވެސް އެމެރިކާ ކުރީގައި އޮތް ނަމަވެސް، ދެ ގައުމުގެ ދެމެދުގައި އޮތް ފަރަގު ކުޑަވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެންފޯޑް ޔުނިވާސިޓީން މިދިޔަ އޭޕްރީލް މަހު ނެރުނު 2026 ވަނަ އަހަރުގެ އޭއައި އިންޑެކްސް ރިޕޯޓާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި، އޭއައި މޮޑެލްތަކުގެ ގާބިލުކަމުގައި އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ގާތްގަނޑަކަށް ނެތިފައެވެ. އެންމެ ފެންވަރު ރަނގަޅު އޭއައި މޮޑެލްތައް އެމެރިކާއިން އުފެއްދި ނަމަވެސް، ޕޭޓަންޓްތައް ހޯދުމާއި އިންޑަސްޓްރިއަލް ރޮބޮޓްތައް ބޭނުންކުރުމުގައި ކުރީގައި އުޅެނީ ޗައިނާއިން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
