ރާއްޖޭގެ ލޯކަލް ކައުންސިލްތަކުން ހިންގާ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ ފަންނީ، މާލީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހާއްސަ އޮފީހެއް ގާއިމްކޮށްފިއެވެ.

"އިންޓާ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް"ގެ ނަމުގައި އުފެއްދި މި އޮފީސް ހިންގާނީ އެމްޑީޕީގެ ގައުމީ ސެކްރެޓޭރިއަޓުގައެވެ. މި އޮފީހުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް އަމީރެވެ.

މިފަދަ އޮފީހެއް އުފެއްދުމަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެވަޑައިގެންފައިވާ ވައުދެކެވެ. ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އޮފީހުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ވިޔަފާރި އާއި އިގުތިސާދީ އަމަލީ ޕްލޭންތައް އެކުލަވައިލުމެވެ.

މި އިސްނެގުމުގެ ދަށުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންތައްތައް ހިއްސާކުރަމުން އެމްޑީޕީން ބުނީ ވަކިވަކި ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް އެމްޑީޕީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި ދެނެގަތުން ހިމެނޭ ކަމަށެވެ. އަދި ކުރިއަށް އޮތް 5 ނުވަތަ 6 އަހަރުގެ ތެރޭގައި ރޭވުންތެރި މަޝްރޫއުތަކާއި ވިޔަފާރީގެ އުސޫލުތައް މެދުވެރިކޮށް ރަށްރަށަށް ވަންނަ ފައިސާ އިތުރުކުރުން ހިމެނޭ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްޑީޕީން ބުނީ .މި އޮފީސް ގާއިމްކުރުމާއެކު، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުވުމަށާ، ރަށްރަށުގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމަށް އިދިކޮޅު ޕާޓީގެ ފަރާތުން އަމަލީ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ.